އެއާޕޯޓުގެ އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދަން ޖީއެމްއާރުން ހުށަހަޅައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު (21.5 ބިލިއަން ރުފިޔާ) ހޯދަން އެ ކުންފުނިން މިއަދު ހުށަހަޅައިފި އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުގައި ބުނެފައި ވަނީ އެއާޕޯޓު ހިންގުމަށް ސޮއިކުރި52 ދުވަހުގެ އެއްބަސްވުން "ގަވައިދާ ހިލާފަށް އުވާލުމުން" ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ދިވެހި ސަރުކާރުން އަތުލަން ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އާބިޓްރޭޝަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅުގައި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

އާބިޓްރޭޝަނަށް ހުށަހެޅި 75 ސަފުހާގެ ލިޔެކިއުންތަކުގައި ތަފާތު އެކި ލިޔުންތައް ހިމަނާފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ދަ ހިންދޫގައި ބުނެފައި ވަނީ ބަދަލުގެ ގޮތުގައި ހޯދަން ހުށަހަޅާފައިވާ އަދަދުގެ ތެރޭގައި ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބެން ޖެހޭ އަދަދާއި ސަބް ކޮންޓްރެކްޓަރުންނަށް ދައްކާފައިވާ ފައިސާ އާއި އާއި އެ ނޫން ވެސް ފައިސާ ހިމެނޭ ކަމަށެވެ. އަދި އެ ބަދަލު ހޯދަން ހުށަހަޅާފައި ވަނީ ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ވެސް ހިމެނޭ ގޮތަށް ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ކޮންޓްރެކްޓް އުވާލުމުން ބަދަލެއްގެ ގޮތުން ދިވެހި ސަރުކާރުން ޖީއެމްއާރަށް 800 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.

ޖީއެމްއާރުގެ ޗީފް ފައިނޭންޝިއަލް އޮފިސާ ސިދާތް ކަޕޫރު ކުރިން ވިދާޅުވެފައި ވަނީ ބަދަލުގެ ގޮތުގައި 800 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ދިވެހި ސަރުކާރުން އެ ކުންފުންޏަށް ލިބެންޖެހޭކަން ސިޓީއަކުން ދިވެހި ސަރުކާރަށް މިހާރު އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ އެ އަދަދަށް އެ ކުންފުންޏަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ އެއާޕޯޓު ތަރައްގީކުރުމަށް ޖީއެމްއާރުން ނެގި ކަމަށް ބުނާ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން އެއާޕޯޓަށް އިންވެސްޓްކޮށްފައި ވަނީ 150 މިލިއަން ޑޮލަރު ކަމަށް ހޯދި ހޯދުންތަކުން އެނގިފައިވާ ކަމަށެވެ. އަދި ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާގެ އަދަދާއި ޖީއެމްއާރުން އިންވެސްޓް ކުރި ފައިސާގެ ހަމައަގު ހޯދުމަށް ބޭރުގެ ފަރާތެއްގެ އެހީގައި ފޮރެންސިކް އޮޑިޓެއް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެއާޕޯޓު ހިންގުމުގެ އެއްބަސްވުން އުވާލަން ކެބިނެޓުން ނިންމީ ޖީއެމްއާރާއި އެކު އެއްބަސްވުމުގައި ސޮއިކުރި ހާލަތާއި އޭގެ ފަހުން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)އާ ގުޅޭ ގޮތުން ހައިކޯޓުން ކުރި ހުކުމާއި އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެމްއާރަށް ސަރުކާރުން ފޮނުވި ސިޓީތަކާއި އަދި އެގްރިމަންޓްގައި ސޮއިކުރުމަށް ފަހު ހިނގާފައިވާ ކަންތަކަށްވެސް ބެލުމަށް ފަހު ގާނޫނީ ގޮތުން ސައްހަ އެއްބަސްވުމެއް ނޫންކަމަށް ލޯޔަރުން ލަފާދެއްވާފައިވާތީ ކަމަށް އެއްބަސްވުން އުވާލި ދުވަހު އޭރުގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ވިދާޅުވި އެވެ.

"މި އެއްބަސްވުމަކީ މި އެއްބަސްވުން ގަވަންކުރި އިނގިރޭސިވިލާތުގެ ގާނޫނުތަކުގެ ދަށުންވެސް
އުފެދުނު ވަގުތުން ފެށިގެން ބާތިލުވެފައިވާ އެއްބަސްވުމެއް ކަމަށާއި ނުވަތަ ފްރެސްޓްރޭޝަންގެ ސަބަބުން އަމަލުކުރެވެން ނެތް އެއްބަސްވުމެއް ކަމުގައި މިކަމުގައި މަސައްކަތް ކުރި ހުރިހާ ގާނޫނީ ވަކީލުން [ބައިނަލްއަގްވާމީ އަދި ދިވެހި] އެއްބަސްވެ ލަފާދީފައިވާތީ މި އެއްބަސްވުން ބާތިލް ކުރުމަށް ނިންމެވީ،" އޭނާ ވިދާޅުވި އެވެ.

ޖީއެމްއާރާ ދިވެހި ސަރުކާރާ ދެމެދުވި އެއްބަސްވުން ނޮވެމްބަރު 27، 2012 ގައި އުވާލުމަށްފަހު އެމްއޭސީއެލް އިން އެއާޕޯޓު ހިންގުމާ ހަވާލުވެފައި ވަނީ ޑިސެމްބަރު 8 ވަނަ ދުވަހުން ފެށިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު