ސިޔާސީ ޕާޓީތަކުގެ ޕޮޒިޝަނަކީ އެބަޔަކު ބޭނުން ކަމެއް ނުވާ ނަމަ މަޖިލީސް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުން: މަޖިލީހުގެ ނައިބު ރައީސް

ސިޔާސީ ޕާޓީތަކުގެ ޕޮޒިޝަނަކީ، އެބަޔަކު ބޭނުން ކަމެއް ނުވާ ނަމަ މަޖިލީސް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުން ކަމަށާއި އެ ޕޮޒިޝަން ބަދަލު ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާ ލައިފި އެވެ.


އިއްޔެއެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިގެން، ރިޔާސަތުން ނާއިބު ރައީސް އަހްމަދު ނާޒިމު ޖަލްސާގެ އެޖެންޑާ އިއުލާންކުރެއްވި ހިސާބުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މޫސާ މަނިކު ނިޒާމީ މައްސަލަ ނެންގެވި އެވެ. އަދި މޫސަ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި ވަޒީރުންނަށް ރުހުން ދިނުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅިފައިނެތް ކަމަށާއި އެކަމާ ގުޅޭ ގޮތުން ޖަލްސާގައި މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ)ގެ މައްސަލައިގައި ސުޕްރީމްކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދު ހަދަން ޖެހޭ ކަމަށާއި އެ މަސައްކަތް ސިޔާސީ ޕާޓީތަކުން އިއްޔެ ފަށާފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާއިން އުނިކޮށް އެހެން މަސައްކަތްތަކާއިގެން ކުރިއަށް ނުގެންދެވޭ ނަމަ ޕާޓީތަކުގެ މަސައްކަތަށް ފުރުސަތު ދެއްވުމަށް މޫސަ ރިޔާސަރުގެ ކިބައިން އެދިވަޑައިގެންނެވި އެވެ.


މޫސަ އަށް ފަހު ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު، ރިޔާޒު ރަޝީދު ވިދާޅުވީ، މަޖިލިސް ކުރިއަށް ގެންދިއުމުގެ ވަރަށް ގިނަ އުސޫލީ މައްސަލަތަކެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، މަޖިލީހުން ފާސްކުރާ ކަންކަން ތަސްދީގު ކުރުމުގެ މައްސަލަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ޖުމްލަކޮށް އެ ކަންތައްތަކަށް ފުރުސަތު ދެއްވުމަށް ވެސް ރިޔާޒު ރަޝީދު އެދިވަޑައިގެންނެވި އެވެ.


އިދިކޮޅު ޑިއާރުޕީން ނިޒާމީ މައްސަލަ ނެންގެވި އެ ޕާޓީގެ އެއް ޑިޕިއުޓީ ލީޑަރު ގެމަނަ ފުށީ ދާއިރާގެ އިލްހާމް އަހްމަދު ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމާއި ނޯކޮންފިޑެންސް ވޯޓަކީ ކޮބައިކަން މަޖިލީހުގެ ގަވާއިދުގައި ވަރަށް ރަނގަޅަށް އެގެން އެބައޮތް ކަމަށެވެ. އެހެންކަމުން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މައްސަލައަކީ ގަވާއިދު ނޫން ކަމަށާއި، މައްސަލައަކީ، އެމްޑީޕީ ބޭނުންވާ ވަރަށް މަޖިލީހުން ވޯޓު ލިބެންނެތް މައްސަލަ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.


މެންބަރުންގެ ނިޒާމީ މައްސަލަތަކަށް ޖަވާބު ދެއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު ވިދާޅުވީ، މެންބަރުން ނެންގެވީ ނިޒާމީ މައްސަލަތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށް އިސްލާހް ހުށަހެޅޭނެ އުސޫލު ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވާނެ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖަލްސާގެ "މިހާހިސާބުން" ބޮޑު ދެ ޕާޓީގެ ހިޔާލު ވެސް އެގިވަޑައިގެންފި ކަމަށެވެ. އަދި ދެޕާޓީގެ ޕޮޒިޝަނަކީ، އެބަޔަކު ބޭނުންކަމެއް ނުކުރެވިއްޖެ ނަމަ މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސްއެޅުންކަން އިއްޔެގެ މަޝްވަރާތަކުން އެނގިފައި ވުމާއި، އެ ޕޮޒިޝަން ބަދަލު ނުކޮށް މަޖަލްސާ ކުރިއަށް ނުގެންދެވޭނެތީ އާއި، އެކަން ބަދަލު ކުރެވޭނީ މަޝްވަރާ ކުރެވިގެންކަމަށްވާތީ، އެކަމަށް ފުރުސަތު ދެއްވުމަށް ކަމަށް ވިދާޅުވެ، 9:06 ގައި ނާޒިމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވި އެވެ. ނާޒިމު ވިދާޅުވީ ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.


މި މައްސަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ވެސް މެދުކަނޑާލީ މަޝްވަރާކުރުމަށް ޕާޓީތަކަށް ފުރުސަތު ދެއްވުމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްދިޔަ އިއްޔެގެ މަޝްވަރާތަކުން ކުރި ލިބިފައެއް ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު