މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ): ސުޕްރީމް ކޯޓުން އަމަލުކޮށްފައިވާ ގޮތަށް ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން އަމަލުކުރި ގޮތަށް، މަޝްހޫރު ގާނޫނީ ވަކީލު، ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.


ވަޒީރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރެވިދާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171ވަނަ މާއްދާގެ (ވ) ގައި، ބުނާ އިޖުރާއަތްތަކަކީ، އެކަމުގައި އަމަލު ކުރަން ނުޖެހޭނެ އިޖުރާއަތެއް ކަމަށް، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް އިޝާރާތް ކުރައްވައި، ނަޝީދު، އޭނާގެ ބްލޮގްގައި ވިދާޅުވެފައި ވަނީ، އެއީ ޤާނޫނާ ޚިލާފު ހުކުމެއް ކަމަށް ވިދާޅުވުމަށް ކެރިވަޑައިނުގެންނެވި ނަމަވެސް، އެކަމުގައި އެ ބޭފުޅުން ޢަމަލުކުރައްވާފައި ވަނީ ގާނޫނުގައި އެކަން ކުރުމަށް އޮތް ގޮތަށް ނޫން ކަމަށެވެ.


ނަޝީދު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން މައްސަލައެއް ބަލައި ނިންމުމަށް ޙަވާލުވި ބެންޗުގައި ހިމެނޭ ހަމަ ކޮންމެ ފަނޑިޔާރަކުމެ، އޭނާގެ ޙުކުމް އެ މަޖިލީހުގައި ވަކިން އިއްވަންވާނެ ކަމަށާއި، އެ މައްސަލައެއް ނިމުނު ގޮތް ކަމުގައި ވާނީ، އެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން އެ ބީދައިން، ވަކިވަކިން އިއްވި ޙުކުމްތަކުގެ އަޣްލަބިއްޔަތު ނިސްބަތްވާ ގޮތްކަމަށެވެ.


ނަމަވެސް ކޯޓުތަކުގެ ގާނޫނުގައި އެކަން އެގޮތަށް ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވަނިކޮށް، ސްޕްރީމް ކޯޓުން އެ ޙުކުމް އިއްވަވާފައި ވަނީ، އުއްތަމަ ފަނޑިޔާރު ގިނިކަންޏާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ މަނިކުފާނުގެ ޙުކުމް ބިނާވެފައި ވަނީ، ސުޕްރީމް ކޯޓުގެ ޖުމްލަ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣްލަބިއްޔަތުގެ މައްޗަށް ކަމަށާއި، އެ އަޣްލަބިއްޔަތު އޮތް ޙުކުމާ ތަފާތުވެފައިވާ ފަނޑިޔާރުގެ ރަޢްޔު ވެސް، އިއްވަވައިދެއްވީ، އުއްތަމަ ފަނޑިޔާރު ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.


ނަޝީދު ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގައި މައްސަލަ ބަލައި ނިންމާނެ ގޮތާއި ފަނޑިޔާރުންގެ ބެންޗު އެކުލެވިގެންވާންވާނެ ގޮތް، ކޯޓުތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ވަރަށް ރަނގަޅަށް ބަޔާން ކޮށްފައިވާ ކަމަށެވެ.


"އެ މާއްދާގައި، ބުނާ ގޮތުން ސުޕްރީމް ކޯޓުގެ ހަމަކޮންމެ މައްސަލައެއް ވެސް ބަލަންވާނީ އަދި ނިންމަންވާނީ، އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ބެންޗަކުން. ޤާނޫނު އަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ވަކި ޚާއްޞަ މައްސަލަތަކެއް ބަލަންވާނީ އަދި ނިންމަންވާނީ، ސުޕްރީމް ކޯޓުގެ މުޅި ބެންޗުން. މާނައަކީ، ހަތް ފަނޑިޔާރުން ތިއްބަވައިގެން[ނޭ]... ސުޕްރީމް ކޯޓުގެ މައްސަލައެއް ބަލައި ނިންމަނީ، ކޮންމެ ޢަދަދެއްގެ ފަނޑިޔާރުން ހިމެނޭ ބެންޗަކުން ކަމުގައި ވީނަމަވެސް، އެ މައްސަލައެއް ބަލައި ނިންމުމަށް ޙަވާލުވި ބެންޗުގައި ހިމެނޭ ހަމަ ކޮންމެ ފަނޑިޔާރަކުމެ، އޭނާގެ ޙުކުމް އެ މަޖިލީހުގައި ވަކިން އިއްވަންވާނެ... އެ މައްސަލައެއް ނިމުނުގޮތް ކަމުގައި ވާނީ، އެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން އެ ބީދައިން، ވަކިވަކިން އިއްވި ޙުކުމްތަކުގެ އަޣްލަބިއްޔަތު ނިސްބަތްވާ ގޮތް،"


ނަޝީދު އަދި ވިދާޅުވެފައި ވަނީ، ރައީސް ތަޞްދީޤުކުރައްވައި ހިންގަވަންފައްޓަވާފައިވާ ޤާނޫނެއް، އެކުގައި، ނުވަތަ އެ ޤާނޫނުގެ ބައެއް، ޤާނޫނު އަސާސީއާ ޚިލާފުކަމަށް، ނުވަތަ އެ ސަބަބަށް ޓަކައި ބާޠިލުކަމަށް، ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ކޮންމެ ފަނޑިޔާރަކު، އެ ފަނޑިޔާރެއްގެ ޙުކުމް ވަކިން އިއްވަންވާނެ ކަމަށް ކޯޓުތަކުގެ ޤާނޫނުގައި ބުނާ އެ ޤާނޫނުގެ ހަ ވަނަ މާއްދާއަކީ ޤާނޫނު އަސާސީއާ ޚިލާފު މާއްދާއެއް ކަމަކަށް އެއްވެސް ކޯޓަކުން، މިހާތަނަށް ކަނޑައަޅާފައި ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.


"އެއީ، ޢަމަލު ނުކުރެވޭނެ މާއްދާއަކަށް ކަމަކަށް ވެސް ކަނޑައަޅާފައެއް ނެތް. އަދި، ހުކުރު ވިލޭރޭގެ ޙުކުމް އިއްވެވުމުގައި ވެސް، ކޯޓުތަކުގެ ޤާނޫނުގެ އެ މާއްދާ ބާޠިލު ކަމަކަށް ވިދާޅުވެފައެއް ވެސް ނެތް. އެ މާއްދާއަށް އެއްވެސް ޙަވާލާއެއް ވެސް ދެއްވާފައެއް ނުވޭ. އެހެންކަމަށްވާ އިރު، ޝަރުޢީ ޤާނޫނީ ޞައްޙަކަންމަތީ، އެ ޤާނޫނު ދިރިދެމިއޮވެ، އެ ޤާނޫނުގައި ބުނާ ގޮތަށް ސުޕްރީމް ކޯޓުގެ ޙުކުމް ނައިސް، އެ ޙުކުމުން، ހުކުރުވިލޭރޭ ނިންމަވައިލައްވާފައި ވަނީ" ރައްޔިތުންގެ މަޖިލީހުގެ ކުޅުއްފުށީ ދެކުނު ދާއިރާގެ ވެސް މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު