އަށާރަ ވަނަ އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މީޓް ހދ. ކުޅުދުއްފުށީގައި މިއަދު ފަށައިފި އެވެ. މި މުބާރާތުގައި ހަތަރު އުމުރުފުރާގެ ދެ ޖިންސުން 312 އެތުލީޓުން ވާދަކުރެއެވެ.
މިއަދު ފެށި މިމުބާރާތުގެ ހެނދުނުގެ ދަންފަޅީގައި 13 އިވެންޓެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އެގޮތުން މުބާރާތުގެ 11 އަހަރުންދަށުގެ ފިރިހެން ކުދިންގެ ސޮފްޓްބޯލް ތްރޯވް އިން އެއް ވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްމާއީލް ރަޒާން އެވެ. އަދި މިއުމުރުފުރާގެ އަންހެން ކުދިންގެ ސޮފްޓްބޯލް ތްރޯވް އިން އެއް ވަނަ ހޯދީ ކުރިނބީ ސްކޫލްގެ އާއިޝަތު ސުހާއެވެ.
މިއަދު ކުރިއަށްދިޔަ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 800 މީޓަރު ދުވުމުން އެއްވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަސްއަދު އަހްމަދު އެވެ. އަދި މި އުމުރުފުރާގެ އަންހެން ކުދިންގެ 800 މީޓަރު ދުވުމުން އެއްވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ޝާނިޔާ އަހުމަދު އެވެ.
މިއަދު ކުރިއަށް ދިޔަ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 800މީޓަރު ދުވުމުން އެއްވަނަ ހޯދީ އައްޑޫ ސިޓީގެ ރަފުއްދީން ސްކޫލްގެ މުހައްމަދު އަލްފާފް އެވެ.
މިއަދު ކުރިއަށް ދިޔަ 13 އަހަރުން ދަށުގެ ފިރިހެން ކުދިން ހާޑްބޯލް ތްރޯވ އިން އެއްވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު އާލިފް އިސްމާއީލް އެވެ. އަދި 11 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ 80 މީޓަރު ރިލޭއިން އެއްވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މުބާރާތުގެ އޯޕަނިން ސަރަމަނީ އޮތީ މިއަދު ހަވީރު 4:00 ޖަހާއިރު އެވެ.