މައުމޫނު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ރައްދުދީފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުމަށް ދިވެހި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުން ރޫޅާލާފައި ވަނީ ހިތްހަމަޖެހޭ ގޮތަށް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތަކަށް ސަރުކާރުގެ އިސް އޮފިޝަލަކު ރައްދު ދެއްވައިފި އެވެ.

ޖީއެމްއާރު އެގްރިމެންޓް ރޫޅާލުމުގެ ކުރިން މަޝްވަރާކުރުމަށް ޕީޕީއެމް އިން އެދުނު ކަމަށް ރައީސް މައުމޫނު ވިދާޅުވި ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވީ އެފަދަ މަޝްވަރާއެއް ކުރުމަށް ޕީޕީއެމް އިން އެއްވެސް އިރެއްގައި އެދިފައި ނުވާ ކަމަށެވެ.

ޖީއެމްއާރު އެގްރީމަންޓް ދިވެހި ސަރުކާރުން ބާތިލު ކުރި ކުރުމުގެ ކުރިން ގޮތެއް ނިންމުމަށް ސަރުކާރު ބައިވެރިވާ ޕާޓީތަކުގެ އިސް ވެރިންނާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެ ފަހަރެއްގެ މަތީން ބައްދަލުކުރައްވާފައިވާ އިރު އެ ދެ ބައްދަލުވުމުގައި ވެސް ސަރުކާރަށް ޕީޕީއެމް އިން ދީފައިވާ ލަފައަކީ ޖީއެމްއާރު އެއްބަސްވުން ނިމުމަކަށް ގެނައުން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. ހަމައެ އާކު ރައީސުލްޖުމްހޫޜިއްޔާ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޖީއެމްއާރު އެއްބަސްވުމުގައިގެން ކުރިއަށްދެވިދާނެ ގޮތުގެ ޕްރެޒެންޓޭޝަނެއް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކުރޫ ހުށަހަޅުއްވަން ފެއްޓެވެމުން "ޖީއެމްއާރު އެއްބަސްވުން ނިމުމަކަށް ގެނައުން ނޫން ގޮތަކަށް ހިޔާލުކުރާ މަޖިލީހެއްގައި ބައިވެރިވާން ބޭނުން ނޫން" ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން ވިދާޅުވެފައިވާ ކަމަށް ވެސް ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ޖީއެމްއާރު އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ސަރުކާރުގެ ހިމެނޭ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ކުރި މަސައްކަތުގައި އެ އެއްބަސްވުން ރޫޅާލުމުގެ ކުރިން މަޝްވަރާ ކުރުމަށް ޕީޕީއެމް އިން އެއްވެސް ފަހަރެއްގައި އެދިފައިނުވާ އިރު ޖީއެމްއާރު އެއްބަސްވުމާ ގުޅޭ ގޮތުން އަމަލުކުރަން ޖެހޭ ގޮތް ކަމަށް ބުނެ އެގްރިމެންޓް ނިމުމަކަށް ގެނައުމަށް ލިޔުމަކުން ވެސް އެދިފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

ޖީއެމްއާރު އެއްބަސްވުން ރޫޅާލުމާ ބެހޭ ގޮތުން ރައީސް މައުމޫނު ކުރިން ދެއްކެވި ވާހަކަފުޅުތަކުގެ ރާގު ވަނީ ބަދަލުވެފަ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވެފައި ވަނީ ޕާޓީތަކާ މަޝްވަރާނުކޮށް، ޖީއެމްއާރު އެއްބަސްވުމުގައި އެމްޑީޕީ ސަރުކާރުން ސޮއިކުރުމަކީ އެ ސަރުކާރުން ހެދި ގޯހެއް (މިސްޓޭކެއް) ކަމަށާއި އެ މައްސަލައިގާ މިހާރުގެ ސަރުކާރުން ޖީއެމްއާރާއި އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށްގެން ގަބޫލުކުރެވޭ ފަދަ ހައްލެއް ހޯދުނީސް ކަމަށެވެ.

"އެއީ ގޯހެއް، ޕާޓީތަކާ އެކަމުގައި މަޝްވަރާ ކުރި ނަމަ އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އާއްމުން ނުދެކުނީސް، ދެން ވަޑައިގެންނެވި ރައީސް އަރިހު އަޅުގަނޑުމެން ދެންނެވިން ޖީއެމްއާރް ގްރޫޕާއި އިންޑިއާ ސަރުކާރާ މަޝްވަރާ ކޮށްގެން ގަބޫލުކުރެވޭ ފަދަ ހައްލެއް ހޯއްދަވަން. މިނިވަންކަމާ އެކު ނިންމުމެއް ނިންމުމުގެ ފުރުސަތު އޭގެ ފަހުން ސަރުކާރަށް އޮތް. އެހެން ނަަމަވެސް ނަސީބު ދެރަކަމުން އެކަމެއް އެގޮތަކަށް ނުވި، ދެން ކުއްލިއަކަށް އައީ މި އުފާވެރި ނޫން ނިމުން،" ޖީއެމްއާރު އެއްބަސްވުން އުވާލި ގޮތާ މެދު މައުމޫނު ވިދާޅުވި ކަމަށް ދަ ހިންދޫގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު