މާލޭގެ އިރުމަތީ ފަރާތު ބޮޑުތަކުރުފާނު މަހުގެ ބޮޑު ބައެއްގައި ރޭ ފެށި ނައިޓް މާކެޓް، މޫސުން ގޯސްވެ، އާދަޔާ ހިލާފަށް ވައި ބާރުވުމުން މިރޭ ނުބާއްވާނެ ކަމަށް އެ ބާޒާރު އިންތިޒާމް ކުރާ ގޯ މީޑީއާ މޯލްޑިވްސް އިން ބުނެފި އެވެ.
މި މަހުގެ 15 ނިޔަލަށް ސިލްސިލާކޮށް ކޮންމެ ދުވަހަކު ބާއްވަން ހަމަޖެއްސި ނައިޓް މާކެޓް މިއަދު ކެންސަލް ކުރީ މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުގެ އެދުމުގެ މަތިންނެވެ.
ގޯ މީޑީއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ އިބްރާހިމް އާމިރު "ސަން"އަށް ވިދާޅުވީ މެޓް އޮފީހުން ކުރި އިލްތިމާސާއެކު، މިއަދުގެ މޫސުން ރަނގަޅު ނުވާނެ ކަމަށް ފެންނާތީ، ނައިޓް މާކެޓް ކެންސަލްކޮށްފައިވާކަން ވިޔަފާރިވެރިންނަށް އަންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިރޭގެ ނައިޓް މާކެޓް ކެންސަލް ކުރި ނަމަވެސް މާދަމާއިން ފެށިގެން އެ ބާޒާރު ކުރިއަށް ގެންދާނެ ކަމަށާއި މިރޭގެ ބަދަލުގައި އިތުރު ރެއަކު ނައިޓް މާކެޓް ބާއްވާނެ ކަމަށެވެ.
"ނައިޓް މާކެޓް ބާއްވަން އުޅޭ ސަރަހައްދުގައި މިއަދު އެއްވެސް ގޮތަކަށް ކެތްވާވަރެއް ނޫން. އެހާ ބާރަށް ވައި އެޖެހެނީ. މެޓް އޮފީހުން ވެސް އަޅުގަނޑުމެންނަށް ނައިޓް މާކެޓް މިރޭ ނުބާއްވަން އެދުނީމަ ކެންސަން މިކުރީ. އިރާދަކުރެއްވިއްޔާ މާދަން މޫސުން ރަނގަޅުވާނެ ކަމަށް ބުނަނީ. އެހެންވީމަ މާދަންރޭ އަނެއްކާވެސް ފަށާނަން،" އާމިރު ވިދާޅުވި އެވެ.
ނައިޓް މާކެޓް މިރެޔަށް ކެންސަލްކޮށްފައި ވަނީ އެ ސަރަހައްދުގެ މޭޒުތަކަށް ދޫކޮށްފައިވާ ޓެންޓުތަކެއް ގަދަވަޔާއެކު ހަލާކުވެފައިވަނިކޮށެވެ. މެޓް އޮފީހުން ބުނީ އުތުރާއި މެދެތެރޭގެ އަތޮޅު ތަކުގައި ވަރަށް ވައިގަދަ ކަމަށެވެ. އަދި މިއަދު އިރުއޮއްސި ހަޔަކާއި ދޭތެރޭ 30 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިގަދާ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.