ޓްރާންސްޕޯޓް އޮތޯރިޓީގެ ކަރަންޓް ކެނޑިގެން ހިދުމަތްތައް މެދުކަނޑާލައިފި

ހުރަވީ ބިލްޑިންގްގައި ހުންނަ ޓްރާންސްޕޯޓް އޮތޯރިޓީގައި ކަރަންޓް ކެނޑި، ހިދުމަތްތައް މެދުކަނޑާލައިފި އެވެ.

އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް "ސަން"އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ އެ އިމާރާތުގެ ވައިރުގެ މައްސަލަތައް ދިމާވެ ކަރަންޓް ކެނޑިފައިވާތީ ހިދުމަތް ދިނުން މިއަދު ހެނދުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ.

"އާންމުނަށް ދޭ ހިދުމަތް އެއްކޮށް މެދުކެނޑިފައި މިވަނީ. އެއީ މި އިމާރާތުގެ ވައިރުގެ މައްސަލަ ދިމާވެ މުޅިތަނުން ކަރަންޓް ކަނޑައިގެން ގޮސްފައިވާތީ. ކަރަންޓް ދިއުމުގެ ސަބަބުން ސާވާއިން ވެސް ކަރަންޓް ދިއުމުން ހިދުމަތެއް ނުދެވޭ،" އޭނާ ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ އެ އިމާރާތުގެ ގިނަ ދުވަސްވެ ހަލާކުވެފައިވާތީ އެފަދަ ގިނަ މައްސަލަތަކެއް ދިމާވާ ކަމަށެވެ. އަދި އިމާރާތުގައި މީދާ އުޅުމުގެ ސަބަބުން ކަރަންޓް ނަރުތައް މީދާ ކެއުމާއި ވާރޭ ވެހި އިމާރާތަށް ފެންވަނުމަކީ ވެސް ކަރަންޓަށް މައްސަލަ ދިމާވުމުގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ ކަރަންޓު ދިނުމަށް ޓެކްނީޝަނެއް ގެނެސް މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ހެނދުނު ސަން ނޫސްވެރިން ޓްރާންޕޯޓް އޮތޯރިޓީއަށް ދިޔައިރު އެތަނަށް ޚިދުމަތް ހޯދުމަށް ގޮސް ތިބި މީހުން ޚިދުމަތް ހުއްޓާލާފައިވާތީ ޝަކުވާ ކުރަމުންދިޔަ އެވެ.

"ފަހުން ފޯމްތައް އެންޓާ ކުރާނީ މިއަދު ފޯމްތައް ބަލައިގެނެވިދާނެ އެއް ނޫންތަ. ކަރަންޓް ނެތަސް އެކަން ވާނެ އެއްނު،" ފޯމެއް ހުށަހަޅަން ގޮސްހުރި ޒުވާނަކު އެތަނުގެ މުވައްޒަފަކާއި މުޚާތަބުކޮށް ބުންޏެވެ.

ޚިދުމަތް ހޯދަން ދިޔައިރު ކައުންޓަރު ބަންދުކޮށްފައި ހުރުމުން ބައެއް މީހުން އެނބުރި ދިޔަ ނަމަވެސް ޚިދުމަތް ދޭން ފަށާފާނެ ކަމުގެ އިންތިޒާރުގައިވެސް ބައެއް މީހުން ގިނައިރުތަކެއް ވަންދެން ގޮނޑިތަކުގައި ތިއްބެވެ. މީގެ އިތުރުން ޓެކްސީތަކުގެ ރޯޑްވައިދިނަސް ނުހެއްދޭތީ ޓެކްސީ ޑްރައިވަރުން ވަނީ އެކަމުގެ ޝަކުވާތައްކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު