ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނީ ހުރިހާ ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތްކޮށްގެން ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފި އެވެ.
އިމިގްރޭޝަންގެ ހެޑް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޑިޕާޓްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ މުނާޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދައި އެމީހުންނާ މެދު އިމިގްރޭޝަން ގާނޫނުގައި ބުނެފައިވާ ފަދައިން ފިޔަވަޅު އެޅުމުގައި އެފަދަ އެމީހުން ލައްވައި މަސައްކަތް ކުރުވާ އަދި އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ދިވެހީން އެކަން ހުއްޓައި އެ ޑިޕާޓްމަންޓަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.
"ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކިތަންމެ މަސައްކަތެއް ކުރިޔަސް އަވަސް މުއްދަތެއްގެ ތެރޭގައި މިކަމަށް ހައްލެއް ހޯދޭނީ ހަމަ ރައްޔިތުންގެ ތެރެއިން. ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނަމަވެސް މިހާރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އެދާ ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އަދި އެމީހުންނަށް ވަޒީފާދޭ މީހުން އެކަން ހުއްޓަން އެބަޖެހޭ. އޭރުން މިކަމަށް ނިމުމެއް އަންނާނީ،" މުނާޒު ވިދާޅުވި އެވެ.
ގަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކާ ގުޅޭ ގޮތުން މުނާޒު ވިދާޅުވީ ފުލުހުންނާ ގުޅިގެން އެ ޑިޕާޓްމެންޓުން މާރުކޭޓު ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ ގިނަ ބިދޭސީންތަކެއް އެ ޑިޕާޓްމެންޓުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި 60 ބިދޭސީން ހައްޔަރު ކުރި ކަމަށް ވެސް މުނާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަވާއިދާއި ޚިލާފު ވެގެން އެ ޑިޕާޓްމެންޓުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ތިބި މީހުންގެ އިތުރުން މި އަހަރުގެ މިހާތަނަށް 3000 އަށް ވުރެ ގިނަ އަދަދެއްގެ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.