ފިތުރަތާ ހިލާފު ޖަރީމާއެއް ކަމަށްވާ އެއްޖިންސުން ކައިވެނި ކުރުން ހުއްދަ ކުރާ ގާނޫނެއް ފަރެންސޭސިވިލާތުގައި މިހާރު ވަނީ ފާސްކޮށް، ތަސްދީގުކޮށްފަ އެވެ. ނަމަވެސް އެފަދަ ގާނޫނުތައް ފާސްކުރި އެހެން ގައުމުތަކެކޭ އެއްފަދައިން ފަރަންސޭސި ރައްޔިތުން ވެސް އެކަމާ ދެކޮޅެވެ.
ގާނޫނު ތަސްދީގުކުރުމާ ގުޅިގެން ރުޅި އައިސްފައި ތިބި ގިނަ އަދަދެއްގެ ފްރަންސޭސި ރައްޔިތުން އިއްޔެ ވަނީ އެގައުމުގެ ވެރިރަށް ޕެރިހުގެ މަގުތަކަށް ނުކުމެ އަޑު އުފުލާފަ އެވެ.
އަންނަ ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ގާނޫނާ ދެކޮޅަށް އިއްޔެ ޕެރިހުގައި 150،000 މީހުން މުޒާހަރާކުރި ކަމަށް ސީއެންއެން ބުންޏެވެ.
މުޒާހަރާކުރަން ނުކުތީ އާއިލާތަކާއި ދަރިން ހިމާޔަތްކުރަން ބޭނުންވާތީ ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ބުނި ކަމަށް ފަރަންސޭސިވިލާތުގެ ބައެއް ނޫސްތަކާއި ސީއެންއެން އިން ބުންޏެވެ.
މުޒާހަރާގެ ތެރޭގައި ހައްދުފަހަނަ އަޅާފައިވާ އަމަލުތައް ހިންގާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ، ފަރަންސޭސި ސަރުކާރުން އިއްޔެ ވަނީ 4500 ފުލުހުން މަގުތަކަށް ނެރެފަ އެވެ. ނަމަވެސް މުޒާހަރާތައް ކުރިއަށް ދިޔައީ ހީކުރި ވަރަށް ވުރެ ސުލްހަވެރިކޮށް ކަމަށް ނޫސްތަކުން ބުންޏެވެ.
އެއްޖިންސުން ކައިވެނިކޮށް، ދަރިން އެޑަޕްޓް ކުރުމުގެ ގާނޫނު ފްރާންސްގެ ރައީސް ފްރެންކޮއި ހޮލެންޑޭ ތަސްދީގު ކުރެއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އޭނާ އެގާނޫނު ތަސްދީގު ކުރެއްވީ، އެ ގާނޫނު ފްރާންސްގެ ގާނޫނު އަސާސީއާ ހިލާފު ނުވާކަމަށް އެގައުމުގެ ސުޕްރީމްކޯޓުން ނިންމުމުންނެވެ.
ޔޫރަޕްގެ 9 ގައުމަކާ އެކު ޖުމްލަ 14 ގައުމެއްގައި މިފަދަ ގާނޫނުތައް ހަދާފައި ވާއިރު އެކަމާ ދެކޮޅަށް އެހުރިހާ ގައުމެއްގައި ވެސް ރައްޔިތުން ވަނީ އަޑު އުފުލާފައެވެ.