ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހައްޔަރުކޮށްފައިވާ ބިދޭސީއެއްގެ މައްޗަށް ދައުވާ ނުކޮށް ހަތް މަސް ފާއިތުވެފައިވާތީ އޭނާއާ މެދު ދައުވާކުރުމާމެދު ނިންމާ ގޮތެއް އެންގުމަށް ކްރިމިނަލް ކޯޓުން ޕީޖީ އޮފީހުގައި އެދެފި އެވެ.
ކޯޓުން ބުނީ ޕީޖީ އޮފީހުގައި އެގޮތަށް އެދެން ޖެހުނީ ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ ޕާސްޕޯޓު ހިފަހައްޓާފައި ހުރުމުން އެ ފަރާތުން ކޯޓުގައި ޝަކުވާ ކުރަމުންދާތީ އާއި އޭގެ ސަބަބުން އެމީހާގެ އަސާސީ ހައްގަށް އުނިކަން ލިބެމުންދާތީ ކަމަށެވެ.
އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ބާބޫ ޗެއްލަޕަން ހައްޔަރުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީގަ އެވެ. އޭނާ ހައްޔަރުކުރީ ލިލީ އެންޓަ ޕްރައިސަސްގެ ވޭނަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އަރުވައިގެން ދަނިކޮށެވެ.
އެ މީހާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމެވެ.
ކްރިމިނަލް ކޯޓުން ބުނީ އިންޑިޔާ މީހާ ހައްޔަރުކޮށް ބަންދުގައި ހުންނާ ދެ މަހަށްވުރެ ދިގު މުއްދަތެއް ފާއިތުވި އިރުވެސް ތަހުލީލު ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށާއި އެ ރިޕޯޓު ހުށަހެޅޭނެ ދުވަހެއް ނޭނގޭކަމަށް ފުހުން ބުނެފައިވާ ކަމަށެވެ. އަދި އެގޮތަށް ބުނުމުން 25 އޭޕްރީލް 2010 ގައި ބިދޭސީ މީހާގެ މައްޗަށް ޝަރުތު ކަނޑައަޅައި ދޫކޮށްލާފައިވާ ކަމަށާއި ޝަރުތުކޮށް ދޫކޮށްފައިވާ މުއްދަތުހަމަވެ ކޯޓުން ކޮށްފައިވާ ޝަރުތުތައް އުވާލިއިރު ވެސް ދައުލަތުން ދައުވާކޮށްފައި ނުވާ ކަމަށެވެ.
ކޯޓުން ބުނެފައި ވަނީ އެ މީހާގެ މައްޗަށް ކޯޓުންކޮށްފައިވާ ޝަރުތުތައް އުވާލިނަމަވެސް ފުލުހުން އަންގައިގެން އެމީހާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނެރެދީފައިވާ ކަމަށެވެ.
ކޯޓުން އެދިފައި ވަނީ ހަތްމަސް ވެގެން ދިޔައިރު ވެސް ބިދޭސީ މީހާގެ މައްޗަށް ދަޢުވާކޮށްފައި ނުވާތީ، ދައުވާ ކުރުމާއިމެދުގައި ނިންމާ ގޮތެއް މިމަހުގެ ނިޔަލަށް އެންގުމަށެވެ.