އެންމެ ރީތިކޮށް ގުރުއާން ކިޔަވާ މީހަކު ހޮވުމަށް "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" މި ނަމުގައި ރަމަޟާން މަހަށް ހާއްސަކޮށްގެން ޝޯއެއް ގެނެސްދިނުމަށް ޓީވީއެމުން ނިންމައިފި އެވެ. "ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި" ގެ ގޮތުގައި ހޮވޭ ފަރާތަކަށް 50،0000 ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން އެންމެ އަލިގަަދަ ތަރީގެ ލަގަބް ދިނުމުގެ ގޮތުން ހާއްސަ އެވޯޑެއް ދިނުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
"ރާއްޖޭގެ އެންމެ އަލިގަދަ ތަރި" ހޮވާ ޝޯގެ ޕްރޮޑިއުސަރު މުޖުތަބާ ރަޝީދު (އެމްއޭ.ކަރީމް) ސަންއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ޕްރޮގްރާމަކީ 18 އަހަރުން މަތީގެ ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ޓީވީއެމުން އަންނަ ރަމަޟާން މަހުގެ ބޭއްވުމަށް ހަމަޖައްސާފައިވާ ޝޯއެއް ކަމަށާއި އެ ޝޯގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 25 ނިޔަލަށް ހުޅުވާޅައިފައިވާ ކަމަަށެވެ. އަދި ޕްރޮގްރާމްގެ އޮޑިޝަން މިމަހުގެ 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި" މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެސްއެމްއެސް ކުރާނީ އީޓީ ޖެހުމަށްފަހު ނަމާއި އުމަރާއި އައިކާޑު ނަމްބަރު ޖެހުމަށް ފަހު 300 މި ނަމްބަރަށެވެ.
"އެހަނދާން މިއުޒިކް ޝޯވް" އާއި "ފިލްމީ އުދަރެސް" ފަދަ މަގުބޫލް ޕްރޮގްރާމްތައް ބެލުން ތެރިންނާ ހަމައަށް ގެނެސްދީފައިވާ މުޖުތަބާ ވިދާޅުވީ "ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި" ފަދަ ޕްރޮގްރާމެއް ގެނެސްދިނުމުގެ ބޭނުމަކީ ދިވެހިންގެ މެދުގައި ގުރުއާނަށް އޮތް ލޯބި އިތުރުކުރުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި މަގުބޫލްކަން އޮންނަ މިންވަރެއްގެ މައްޗަށް ބަލާފައި އެ ޝޯ ކޮންމެ އަހަރަކު ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓީވީން ގަބޫލް ކުރާ ގޮތުގައި ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރިއަކަށް ވާނީ އެންމެ ރީއްޗަށް ގުރުއާން ކިޔަވާ މީހެއް، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ވޮއިސް އޮފް މޯލްޑިވްސް ފަދަ ކޮންސެޕްޓަކަށް، އެގޮތުން ގުރުއާން ކިޔުމުގެ އިތުރުން ގުރުއާންގެ ކިޔެވުމުގައި އެމީހަކަށް ލިބިފައިވާ ގުރުއާނުގެ އިލްމުގެ ހުނަރުތަކާއި އެމީހެއްގެ ޕްރޮފައިލް ދައްކަައިދެވޭ ފަދަ ގޮތަކަށް މި ޕްރޮގްރާމް ކުުރިއަށްދާނީ،" މުޖުތަބާ ވިދާޅުވި އެވެ.
ރަމަޟާން މަހު ޓީވީ ޝޯއެއްގެ ގޮތުގައި ގެނެސްދޭ މި ޕްރޮގްރާމްްގައި ބައިވެރިކުރުމަށް ހަމަޖެހިފައި ވަނީ 12 ބައިވެރިންނެވެ. އަދި ނުވަ ޕްރޮގްރާމެއް ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ޝޯގައި ކޮންމެ ރެއަކު ވެސް ދެ މީހުން ނުވަތަ އެކަކު ކަޓަމުން ގޮސް ފައިނަލްގައި ވާދަކުރާނީ ދެ ބައިވެރިންނެވެ.
ރީއްޗަށް ގުރުއާން ކިޔަވާ އެންމެ އަލިގަދަ ތަރި ހޮވުމުގެ މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ ގުރުއާންގެ އިލްމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ތިން ބޭފުޅުނެވެ.