ހދ. ނޮޅިވަރަމްފަރަށް ބަދަލުކުރާ ތިން ރަށެއްގެ މީހުންނަށް ބޭނުންވާ ނަރުދަމާ އާއި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއެއްގައި މިއަދު ސޮއި ކޮށްފި އެވެ.
މިއަދު މެންދުރު ފަހު އަޕާ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ މާލޭ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ނޮޅިވަރަމްފަރުގެ އިންޖީނުގޭގެ ފެންވަރު މަތިކުރުމުގެ މަސައްކަތާ ހަވާލުވެފައި ވަނީ ޕަވާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުން ނެވެ. އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 85 ދުވަހުގެ ތެރޭގަ އެވެ. އަދި އެ މަސައްކަތަށް އަޕާ ނޯޓު ޔުޓިލިޓީޒް ލިމިޓެޑްގެ ފަރާތުން 3.2 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ނިންމައިފަ އެވެ.
ނޮޅިވަރަމްފަރަށް ބަދަލުކުރުމަށް ސަރުކާރުން ހަމަޖައްސާފައި ވަނީ އެ އަތޮޅު މާވައިދޫ އާއި ފަރިދޫ އާއި އަދި ކުނބުރުދޫ މީހުންނެވެ. އެ ތިން ރަށުގެ ރައްޔިތުންނަށް އެ ރަށުގައި އަޅައިދޭ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުވައި ދިނުމަށްޓަކައި އަޕާ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ ފަރާތުން ޕަވާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ ފަރާތުން އެ މަސައްކަތް ނިންމުމަށް އެއްބަސްވެފައި ވަނީ 90 ދުވަސް ތެރޭގަ އެވެ. އަދި އެކަމަށް އަޕާ ނޯޓް ޔުޓިލިޓީޒް ލިމިޓެޑުން 4.9 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ދެ މަޝްރޫއަށް ޖުމްލަ 8.1 މިލިއަން ރުފިޔާ ހަރަދުވެ އެވެ.