އަޅުގަނޑުމެންގެ ރާއްޖޭގެ މުގޫ މި އޮތީ އައްޑު އަތޮޅުގައި: މައުމޫން

ރާއްޖޭގެ ޗާޓަށް ބަލާ އިރު އައްޑު އަތޮޅަކީ ވަރަށް ހާއްސަ އަތޮޅެއް ކަމަށާއި އެ ގޮތުން އައްޑު އަތޮޅަކީ ރާއްޖާގެ މުގޫ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މަައުމޫން ވިދާޅުވީ އައްޑޫ ސިޓީ އަކީ އެމަނިކުފާނު އަބަދު ވެސް ވަރަށް ގަދަރު ކުރައްވާ ސިޓީއެއް ކަމަށެވެ.

"އައްޑޫ ސިޓީ ނުވަތަ އައްޑު އަތޮޅަކީ ރާއްޖޭގެ ވަރަށް ހާއްސަ އަތޮޅެއް. މާލެ ފިޔަވައި ރާއްޖޭގެ އާބާދީ އެންމެ ބޮޑު ސަރަހައްދު. އަދި ރާއްޖޭގެ ޗާޓަށް ބައްލަވައިލެއްވީމާ ވެސް އެނގިވަޑައިގެންނަވާނެ ރާއްޖޭގެ ޗާޓް މި އޮންނަނީ އުތުރުން ދެކުނަށް އަތުރާލެވިފައިވާ މާކޯޅިއެއްގެ ގޮތުގައި. ޖަވާހިރުން އެކުލެވިފައިވާ ހާރެއްގެ ގޮތުގައި. އެ ހާރުގެ އެންމެ ފުލުގައި މި އޮންނަނީ އައްޑު އަތޮޅު. މާނައަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މުގޫ މި އޮތީ އައްޑު އަތޮޅުގައޭ. އެހެން ކަމުން ރާއްޖޭގެ މުގޫ ކަމުގައިވާ އައްޑު އަތޮޅަކީ އަޅުގަނޑުމެން ވަރަށް ވަޒަން ކުރާ އަދި ވަރަށް ގަދަރު ކުރާ އަދި އިހްތިރާމް ކުރާ އަތޮޅެއް." ރައީސް މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީ އަކީ އެމަނިކުފާނުގެ ވެރިކަމުގައި ވެސް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވި ސިޓީއެއް ކަމަށާއި އަދި މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ކާމިޔާބު ވެއްޖެ ނަމަ އައްޑު އަތޮޅަށް މިހާރަށް ވުރެ މާ ބޮޑެތި ކުރިއެރުމާއި ތަރައްގީ ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ އަބްދުﷲ ޔާމީން އާއި އޭނާގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދާ ބެހޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޓިކެޓަކީ ވަރަށް މުއްސަނދި ޓިކެޓެއް ކަމަށާއި އަދި އެ ޓިކެޓާ ވާދަކުރެވޭ ފެންވަރުގެ އެހެން ޓިކެޓެއް ފެންނާނެ ކަމުގެ އުންމީދެއް ވެސް ނެތް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރިޔާސީ ޓިކެޓަކީ ވަރަށް މުއްސަނދި ޓިކެޓެއް. އެއީ އެ ޓިކެޓުގައި ހިމެނިވަޑައިގެންނަވާ ދެ ބޭފުޅުންގެ ތަޢުލީމާއި ގާބިލް ކަމާއި ތަޖުރިބާއަށް ބަލާއިރު އެވަރުގެ ދެ ވަނަ އެހެން ޓިކެޓެއް ފެންނާނޭ ކަމުގެ އުންމީދެއް ނެތް ފަދަ ލާމަސީލް އަގު ބޮޑު ޓިކެޓެއް." ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ އަބްދުﷲ ޔާމީން އާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ވަރަށް ތެދުވެރި އަމާނާތްތެރި ދެ ބޭފުޅުން ކަމަށާއި އެގޮތުން އެ ދެބޭފުޅުން ރަމްޒްކޮށްދެނީ ދިވެހި ގައުމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ އަހުލާގާއި އެ ބޭފުޅުންގެ ސިފަފުޅުތަކަށް ބަލާއިރު ވެސް އަޅުގަނޑުމެންނަށް މިކަން ހާމަވެގެން އެބަދޭ. އެ ދެ ބޭފުޅުންނަކީ ވަރަށް ގާބިލް ދެ ބޭފުޅުން. އެ ދެ ބޭފުޅުން ކުރެ ކޮންމެ ބޭފުޅަކީ ވެސް ވަރަށް އަމާނާތްތެރި ބޭފުޅެއް. އެ ދެ ބޭފުޅުންނަކީ ވަރަށް މުރާލި ވެސް ދެ ބޭފުޅުން. އެހެން ވީމާ ގާބިލް ކަމުގެ ފުރަތަމަ އަކުރަކީ ގ. އަމާނާތްތެރި ކަމުގެ ފުރަތަމަ އަކުރަކީ އ. މުރާލި ކަމުގެ ފުރަތަމަ އަކުރަކީ މ. އެހެންކަމުން ގ. އ. މ. މާނަ އަކީ ގައުމު. އެ ދެ ބޭފުޅުން އެ ތަމްސީލުކޮށްދެއް ވަނީ ދިވެހި ގައުމް. އެ ދެބޭފުޅުން އެ ރަމްޒް ކޮށްދެއްވަނީ ދިވެހި ގައުމު." ރައީސް މައުމޫން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު