ދިއްދޫ ދާއިރާގެ މެންބަރު އެމްޑީޕީން ވަކިވާން އުޅޭކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު އެމްޑީޕީން ވަކިވެވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކުރައްވައިފި އެވެ.


ސަން އެފްއެމް އޮންލައިނަށް މިއަދު މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ އެމްޑީޕީން އޭނާ ވަކިވެވަޑައިގަތުމަށް އެއްވެސް އިރެއްގައި ހިޔާލު ކުރައްވާފައި ނުވާކަމަށާއި ނަމަވެސް އެހެން ޕާޓީތަކާ "ގުޅުމަށް" އަބަދު ވެސް ދައުވަތު ލިބެމުން އަންނަ ކަމަށެވެ.


"އަޅުގަނޑު ހިޔާލުކޮށްފައި އޮތްކަމެއް ނޫން އެމްޑީޕީން ވަކިވުމަކީ. އެހެނެއް ނޫން އެހެން ޕާޓީތަކުން އަބަދު ވެސް ދައުވަތު ލިބެމުންދޭ،"


ސަމީރު ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވެވަޑައިގަންނަވަން އުޅުއްވާ ވާހަކަތަކެއް ދެކެވޭ އަޑު އޭނާ ވެސް އައްސަވާފައިވާ ކަމަށެވެ.


އޭނާ ވިދާޅުވީ އޭނާ އަކީ އާންމުކޮށް އެމްޑީޕީ ޖަލްސާތަކަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށާއި ނަމަވެސް އޭނާ އަށް "ގަބޫލުކުރެވޭ ކަހަލަ ކަންތައްތައް ކުރިއްދާއިރު" އެމްޑީޕީ ހަރުގެއަށާއި ޖަލްސާތަކަށް ވަޑައިގަންނަވާ ކަމަށެވެ.


"އަޅުގަނޑަކީ އެއްވެސް އިރެއްގައި މާގިނައިން އެމްޑީޕީ ޖަލްސާތަކަށް ނޫނީ ހަރުގެއަށް ގޮސް އުޅޭ މީހެއް ނޫން. އަޅުގަނޑު މިދުވަސްކޮޅު މިއުޅެނީ ބައެއް އިދާރީ ކަންތައްތަކުގައި ބިޒީކޮށް،" ސަމީރު ވިދާޅުވި އެވެ.


ސަމީރު އެމްޑީޕީން ވަކިވެވަޑައިގެން އެހެން ޕާޓީއަކަށް ގުޅިވަޑައިގަންނަވަން އުޅުއްވާ ވާހަކަ ބައެއް މީހުންގެ މެދުގައި ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ގިނަ މީހުން ބުނާ ގޮތުގައި ސަމީރު ގުޅިވަޑައިގަންނަވަން އުޅުއްވަނީ ޖުމްހޫރީ ޕާޓީ އެވެ.  


މި މަހު 18 ވަނަ ދުވަހު ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި އެ ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި އަންނަ މަހުގެ 11 ވަނަ ދުވަހު އެ ޕާޓީއާ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކު ގުޅިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ރައީސް ގާސިމް އިބުރާހިމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް ގާސިމް ވިދާޅެއްނުވެ އެވެ.  

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު