ދެ އަހަރުގެ ތެރޭގައި ގިނަ ރަށްތަކުގައި އަވިން ކަރަންޓް އުފެއްދޭނެ: ރައީސް

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި އަވިން ކަރަންޓް އުފައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން "ފަހިއަލި" ނަމުގައި ޕްރޮގްރާމެއް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގަގައި "ފޮޓޯ ވޯލްޓޭޖްސް" ހަރުކުރެވުނަސް ކަރަންޓަށް ކުރާ ހަރަދުގެ ދެބައިކުޅަ އެއްބަޔަށް ކުޑަ ކުރެވިދާނެ ކަމަށެވެ.


"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރު ދުވަސް ތެރޭގައި އަވިން ކަރަންޓް އުފެއްދޭނެ. ސޯލާ އެނާޖީ ބޭނުން ކުރެވޭނެ. ވިސްނާ ވަޑައިގަންނަވާ މިހާރު ހުރި ޓެކްނޮލަޖީން ވެސް ކުޑަ އަގެއްގައި ފޮޓޯ ވޯލްޑޭޖްސް ހުރިހާ ރަށެއްގައި ހަރުކުރެވުނަސް ކަރަންޓްގެ ހަރަދު ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ކަނޑާލަވެނޭ. ސޯލާ އެނާޖީގައި ވެސް އެންމެ ބޮޑު ހަރަދެއް ކުރަން މި ޖެހެނީ އޭގެ ބެޓަރީ އަށް. އެހެންވީމާ އެބައި ނުހިމެނިކަމުގައިވީ ނަމަވެސް އަޅުގަނޑުމެނަށް ފޮޓޯ ވޯލްޓޭޖް ބޭނުންކޮގެން އަޅުގަނޑުމެންގެ ރަށްރަށުގައި ދުވާލު ބޭނުންވާ ކަރަންޓް އުފެއްދިދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ފެއްޓެވި "ފަހިއަލި" ޕްރޮގްރާމަކީ ކަރަންޓަށްކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން ފެއްޓެވި ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގުރާމަށް ހިންގުމަށް ޓަކައި ޗައިނާއިން ހިލޭ އެހީގެ ދަށުން 50،000 އެފިޝަންސް ލައިޓް ޗައިނާ ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި އެ ލައިޓްތައް އެންމެ ފުރަތަމަ ސަރުކާރުގެ ހުރިހާ އޮފީސްތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް އެ ޕްރޮގްރާމްގެ ދަށުން ހުރިހާ ރަށެއްގައި ވެސް އޭގެ ހޮޅިބުރި ބޭނުންކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޑރ. ވަހީދު ވިދާޅުވީ ރާއްޖެ އަށް ލިބޭ އާމްދަނީން ގާތްގަނޑަކަށް އަހަރަކު ހަތަރު ބިލިއަން ރުފިޔާ ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ތެޔޮ އިޕޯޓް ކުރުމަށް ހަރަދުކުރާ ކަމަށާއި އޭގެ ތެރެއިން ސަރުކާރުން އެކަނި 220 މިލިއަން ޑޮލަރު (3392.4 މިލިއަން ރުފިޔާ) ތެޔޮ އެތެރެ ކުމަށް ހަރަދުކުރާ ކަމަށެވެ.

ހަމަ އެހެންމެ ރާއްޖެ އަށް ތެޔޮ ގެނައުމަށް ފަހު ހަމަ އަގުގައި ތެޔޮ ވިއްކެން ނެތުމުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ސަބްސިޑީޒްގެ ގޮތުގައި ރައްޔިތުންނަށް ހަރަދުކުރަން ޖެހޭ ކަމަށާއި އެ ހަރަދުތައް ކުޑަ ކުރުމަށް ބޮޑެތި މަސައްކަތަތްތެކެއް ކުރަން ޖެހޭ ކަމުގައި ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

"ފަހިއަލި" ޕްރޮގުރާމް އިފްތިތާހް ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތުގައި އެނާޖީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އެ ޕްރޮގްރާމް ދަށުން އާދައިގެ ހޮޅިބުރީގެ ބަދަލުގައި ސަރުކާރުގެ ހުރިހާ އޮފީސްތަކުގަ އާއި ރަށްރަށު ބަނދަރުތަކުގައި އެނާޖީ އެފިޝަންސް ހޮޅިބުރި ނުވަތަ ލެޑްލައިޓް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަދުގެ ރަސްމިޔާތުގައި ރައީސް ވަހީދު ވަނީ ސަރުކާރުގެ މިނިސްޓްރީތަކަށް ލެޓް ލައިޓް ހަވާލުކޮށްދެއްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު