ހާޒިރީ ރިޕޯޓުގައި މަޖިލީހުގެ ރައީސްގެ ނަންފުޅެއް ނެތް!

މަޖިލީހުގެ ކޮންމެ ދައުރެއްގައި ނެރޭ ހާޒިރީ ރިޕޯޓްގައި ނިމިދިޔަ ދައުރުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ނަން ނުހިމަނައި ހާޒިރީ ރިޕޯޓް އާންމުކޮށްފި އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ މަޖިލީހުގެ ހާޒިރީ ރިޕޯޓުން މަޖިލީހުގެ ރައީސްގެ ނަންފުޅު އިސްތިސްނާކޮށްފައިވާ އިރު، މިދިޔަ އަހަރުގެ ފުރަތަމަ ދައުރުގެ ހާޒިރީ ރިޕޯޓުގައި ވެސް އެމަނިކުފާނުގެ ހާޒިރީގެ ތަފްސީލެއް ނެތެވެ. ނަމަވެސް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރާއި ނިމިދިޔަ ދައުރުގެ ފިޔަވައި ހުރިހާ ދައުރެއްގެ ހާޒިރީ ރިޕޯޓުގައި މަޖިލީހުގެ ރައީސްގެ ނަންފުޅު ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 77 މެންބަރުންގެ ހާޒިރީ ރިޕޯޓުން ޝާހިދުގެ ނަންފުޅު އިސްތިސްނާ ކުރީ މަޖިލީހުގެ އިދާރީ މައްސަލައަކުން ކަމެއް އަދި އެނޫން ސަބަބަކާ ގުޅޭ ގޮތުން ކަމެއް މަޖިލީހުގެ އިދާރާއަކުން ހާމައެއް ނުކުރި އެވެ.

މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވިދާޅުވީ މަޖިލީހުގެ ހާޒިރީ ރިޕޯޓުން ޝާހިދުގެ ނަންފުޅު އުނިކޮށްފައިވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން ހިނގާފައިވާ ގޮތް ބެއްލެވުމަށް ފަހު ނޫނީ ވަކި އެއްޗެއް ވިދާޅުވެން ނެތް ކަމަށެވެ. އަމީންއާންމު ރާއްޖެ އިން ބޭރުގައި ހުންނެވުމުން އެކަމާ ގުޅޭ ގޮތުން ފަހުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

މަޖިލީހުން އާންމުކޮށްފައިވާ ދެ އަހަރުގެ ހާޒިރީ ރިޕޯޓުން ދައްކާ ގޮތުން 184 ޖަލްސާގެ ތެރެއިން 58 ޖަލްސާއަކަށް ޝާހިދު ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އެ ޖަލްސާތަކުން އެމަނިކުފާނަށް ގިނަ ޖަލްސާތަކަށް ހާޒިރުވެވަޑައި ނުގެންނެވެނީ މަޖިލީހުގެ ދަތުރުފުޅުތަކުގައި ރާއްޖެ އިން ބޭރުގައި އުޅުއްވާތީ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެ އިން ބޭރުގައި އުޅުއްވާތީ އެވެ. އަދި މަދު ދުވަހެއްގައި ޝާހިދު ވަނީ ޖަލްސާތަކަށް ސަލާމް ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު