ސިޔާސީ ތަފާތުތަކާ ހުރެ ކަންކަން ލަސްކުުރުމަކީ ރައްޔިތުންނަށް ދެވޭ ގެއްލުމެއް: ރައީސް

ސަރުކާރުގެ ވަޒީފާއެއްގައި ތިބެ ރައްޔިތުންނަށް ކޮށްދޭ ކަންކަމުގައި ލަސްކުރުމަކީ ކުށެއް ކަމަށާއި ސިޔާސީ ތަފާތުތަކާ ހެދި އެ ކަންކަން ލަސްކުރުމަކީ ރައްޔިތުންނަށް ދެވޭ ގެއްލުމެއް ކަމުގައި ވިދާޅުވި އެވެ.

ހދ. ވައިކަރަދޫ ބަނދަރު ހެދުމުގެ މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުމަށް އިއްޔެ ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވަޒީފާއެއްގައި ތިބެ، ރައްޔިތުންނަށް ކޮށްދޭ ކަންކަމުގައި ސިޔާސީ ތަފާތުތަކާ ހެދި ބައިވެރިނުވެ، އެ ކަންކަން ލަސްކުރަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށެވެ.

"އެގޮތަށް އަމަލުކުރުމަކީ އަޅުގަނޑަށް ދެވޭ ގެއްލުމެއް ނޫން، އެއީ ރައްޔިތުންނަށް ދެވޭ ގެއްލުމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ސިޔާސީ ޕާޓީތައް އުފެދުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ކުޑަކުޑަ ގައުމު މިވަނީ ވަރަށް ބޮޑަށް ބައިބައިވެފައި ކަމަށާއި އެކަމުގެ ސަބަބުން އެއް ޕާޓީއެއްގެ މީހުން އަނެއް ޕާޓީގެ މީހުން ކުރާ މަސައްކަތަކަށް އެއީ ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާ ކަހަލަ ގައުމީ މަސައްކަތަކަށް ވިޔަސް، ތާއީދުކުރަން ބޭނުން ނުވާ ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

ވަކި ޕާޓީއެއްގެ ކައުންސިލެއް އޮވެގެން ނޫނީ ވަކި ޕާޓީއެއްގެ ކައުންސިލަކަށް ނުވާތީވެ ބައެއް ރަށްރަށުގެ މަޝްރޫއުތައް މީގެކުރިން ދޫކޮށްލެވިފައި ހުރިކަން ފާހަގަކުރައްވައި އެއީ އުސޫލެއް ނޫން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިއަދުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބަލައި ކޮންމެ ޕާޓީއެއްގެ ކައުންސިލެއް އޮތަސް، އެ ރަށެއްގެ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން، ވީހާ ވެސް ހަމަހަމަ ގޮތެއްގައި، އިންސާފާ އެކީގައި، ކޮށްދިނުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުންގެ ނަމުގައި، ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ ފައިސާ އިން މުސާރަ ނަންގަވައިގެން ތިއްބަވާ ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން، ރައްޔިތުންނާ ދޭތެރޭގައި ކަންތައްތައް ކުރަންވާނީ ހަމަހަމަކޮށް، އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކީގައި ކަމަށް ރައީސް ދާޅުވި އެވެ.

"އަޅުގަނޑު މިއުޅެނީ އެ ނަމޫނާ ދެއްކޭތޯ. އެހެން ނަމަވެސް، ނަމޫނާ ބަލަން ބޭނުންވާ ބަޔަކަށްތާ އެ ފެންނާނީ. ބައެއް ބޭފުޅުން އަޅުއްވައިގެން އުޅުއްވާ އައިނުގެ ކުލަ ތަފާތުވީމާ، އެއްގޮތަކަށް ވެސް އަޅުގަނޑު މިދަންނަވާ މަންޒަރެއް އަދިވެސް ހަމަ ނުފެނޭ. އަދިވެސް ހަމަ ހީފުޅުވާކަހަލަ، ހަމަ މިހާރުގެ ރައީސް ވެސް މަސައްކަތް ކުރަނީ މި ހަމަ ވަކި ޕާޓީއަކަށޭ. ނޫނީ ތިމަންނަމެންނާ ދެކޮޅަށޭ. އެއީއެއް ނޫން ޙަގީގަތަކީ. އަޅުގަނޑު އަބަދުވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ގެންދާނީ، ހުރިހާ ބޭފުޅުންނާ އެކީގައި ހުރިހާ ބޭފުޅުންނާއެކީ މަސައްކަތް ކުރެވޭތޯ."

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ކުލައެއްގެ ކައުންސިލެއް އޮތަސް، ﷲ އިރާދަކުރެއްވިއްޔާ، ރަށުގެ ރައްޔިތުންނަށް ލިބިދޭން ޖެހޭ ހުރިހާ ހިދުމަތްރައް، ބަރާބަރަށް ލިބިވަޑައިގަންނަވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު