ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ މައްސަލަ ސުޕްރީމް ކޯޓަށް

ދާއިމީ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާ ޑރ. އަހުމަދު ޢަބްދުﷲ ދީދީ އަކީ ފަނޑިޔާރުކަމުގެ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް ބުނާ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅައިފި އެވެ.


ޝަރުއީ އެކި މަރުހަލާގެ ކޯޓްތަކަށް މި މައްސަލަ ވެއްދުމަށް މީގެ ކުރިން ވެސް މަސައްކަތްކުރި ދެ ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލަކު ވިދާޅުވީ މިދިޔަ ބުދަ ދުވަހު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.


މައްސަލަ ފައިލް ކުރުމަށް މަސައްކަތް ކުރާ އެއް ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތްކަން އަދި އަންގާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ މިފަހަރުގެ ވެސް ދައުވާއަކީ ކުރީގެ ވެސް ދައުވާ ކަމަށާއި އެހެންނަމަވެސް ދައުވާއަށް ބައެއް ބައިތައް އިތުރުކޮށްފައިވާނެ ކަމަށެވެ.


ދެ ވަކީލުންގެ ދައުވާއަކީ ގާނޫނުގައި ބުނާ ޝަރުތު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ކިބައިގައި ހަމަނުވާ ކަމަށާއި އެކަން ގާނޫނު އަސާސީގެ 149 ވަނަ މާއްދާއާ ފުށުއަރާ ކަމަށެވެ.


ގާނޫނު އަސާސީގެ 149 މާއްދާގެ ނ. ގައި ބުނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރުގެ މީހަކަށް ވުމާ އެކު "ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާ އެކު އިސްލާމީ ޝަރީއަތް ނުވަތަ ގާނޫނީ ދާއިރާ އިން އިލްމު ލިބިފައިވާ މީހެއް ކަމުގައިވާންވާނެ" ކަމަށެވެ.


މި މައްސަލަ އެންމެ ފަހުން ހުށަހެޅީ މަދަނީ ކޯޓަށެވެ. ނަމަވެސް މަދަނީ ކޯޓުން ނިންމެވީ އެ މައްސަލަ ބަލައިގަނެ އެ ކޯޓުގައި ހިންގެން ނެތް ކަމަށެވެ. މަދަނީ ކޯޓުގެ ނިންމުމުގައި އޭރު ބުނީ ސުޕްރީމް ކޯޓަކީ ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތް ކަމަށްވެފައި ގާނޫނު އަސާސީއާއި ގާނޫނު މާނަ ކުރުމުގަ އާއި މައްސަލަތަކުގައި އެންމެ ފަހުގެ ނިޔާ ކަނޑައެޅުމުގެ ބާރު ލިބިދީފައިވާ ފަރާތް ކަމަށްވެފައި އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެއްގައި ފަނޑިޔާރު ކަމުގެ ޝަރުތު ހަމަވޭތޯ މަދަނީ ކޯޓުން ބެލުމަކީ އެ ފަނޑިޔާރާއި އެ ކޯޓުގެ މިނިވަން ކަމާއި މުސްތަގިއްލު ކަމާއި ހައިބަތާއި ގަދަރާއި ހުރުމަތައްޓަކައި މަދަނީ ކޯޓަށް ކުރެވިދާނެ ކަމެއް ކަމަކަށް ނުފެންނަ ކަމަށެވެ.


"... ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރެއްގެ ޝަރުތު ފުރިހަމަ ވޭތޯ ބެލުމަކީ އިސްވެ ދެންނެވުވުނު ސަބަބުތަކަށްޓަކައި މި ކޯޓުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ނުފެންނާތީ މި މައްސަލަ މި ކޯޓަށް ބަލައިގަނެ ހިންގެން ނެތް ކަމުގައި ދެންނެވީމެވެ،" ދައުވާ ފޯމް ހުށަހެޅި ފަރާތަށް މަދަނީ ކޯޓުން ފޮނުވި ޖަވާބު ގައި ބުނެފައިވެ އެވެ.


އެ ޖަވާބުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވިޔަސް ގާނޫނު އަސާސީއާ ހިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބެނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށްކަން ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ) އިން އެނގޭ ކަމަށެވެ.


އަދި ބުނެފައި ވަނީ 2008 ގައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއާ ގުޅިގެން  މަޖިލީހުގެ ތިން ވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމި އިރު، ރައްޔިތުންގެ މަޖިލީހުން ނިންމާ ކަމެއްގެ ސައްހަކަން ބެލުމަކީ ސުޕްރީމް ކޯޓުގެ އިހުތިސޯސްގައި ހިމެނޭ ކަމެއްކަން އެނގޭ ކަމަށެވެ. އެހެން ކަމުން ޑރ. އަހުމަދު އަބްދުﷲ ދީދީ ގެ ނަން ފާސްކޮށް ފައި ވަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާތީ އެމަޖިލީހުން ނިންމާ ކަމެއްގެ ސައްހަކަން މަދަނީ ކޯޓުން ބެލުމަކީ  ސުޕްރީމް ކޯޓުގެ ކުރިން ނިންމާފައި ހުކުމާ ތައާރުޒުވާނެ ކަމެއް ކަމަށެވެ.


ދެ ވަކީލުންގެ މި މައްސަލަ ބަލައި ނުދެވޭނެ ކަމަށް މަދަނީ ކޯޓުން އެންގީ އޭގެ ކުރިން ވެސް އެ މައްސަލަ މަދަނީ ކޯޓަށް ބަލައި ނުގަތުމުން ހައިކޯޓަށްލުމާ ގުޅިގެން ހައިކޯޓުން ވެސް ބަލައި ނުގަނެ ދޫކޮށްލުމުން ދެ ވަނަ ފަހަރަށް މަދަނީ ކޯޓަށް ލުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު