އަބްދުﷲ ޝާހިދަށް ރޮޒައިނާ ފާޑު ވިދާޅުވެއްޖެ

ޑީއާރުޕީގައި ކުރިން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެ އެވެ.

ޑީއާރުޕީގެ ގައުމީ ޖަލްސާ ނިންމުމުގެ ގޮތުން ރޭ އާޓިފިޝަލް ބީޗް ސަރައްދުގައި ބޭއްވި ޖަލްސާގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް އިއްޔެ އިންތިހާބު ވެވަޑައިގެންނެވި ރޮޒައިނާ ވިދާޅުވެފައި ވަނީ ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އަބްދުﷲ ޝާހިދު ޑީއާރުޕީގައި ހުންނަވައި ދެއްކެވި ވާހަކަފުޅާއި އެމްޑީޕީއަށް ވަޑައިގަތުމަށް ފަހު ދެއްކެވި ވާހަކަފުޅާ ދިމާނުވާ ކަމަަށެވެ.

"އިރުގެ ރަންދޯދިތަކުން ޖައްވު އުޖާލާވި ވާހަކަ ވިދާޅުވި. ހަމަ މި ނޫ ޕޯޑިއަމްގައި އަބްދުﷲ ޝާހިދު އަޅުގަނޑުމެނަށް ވިދާޅުވެ ދެއްވި އެއީ ކިހާ ކުޑަ ހިނދުކޮޅެއްގެ ކަމެއްކަން. އަދި އަސުރަށް ފޮޅޭ އަސުރުމާ ފިޔާތޮށިކަން މަތީ އިންނަނީ ކިހާ ހިނދުކޮޅެއްގައިކަން. އެހެންވީމަ މި ވާހަކައިގެ ފުރަތަމަ ބައި އެ [އެމްޑީޕީ ] ޕޯޑިއަމްގައި އެ ވިދާޅުވީ. އެހެން ނަމަވެސް ޑީއާރުޕީ މެންބަރުނަށް މި ވާހަކަ ފުރިހަމައަށް ވިދާޅުވެދެއްވާފައި އޮތީ، "

ޑީއާރުޕީގެ ހަމަ އެކަނި އަންހެން ޑެޕިއުޓީ ލީޑަރު ރޮޒައިނާ ވިދާޅުވީ އަބްދުﷲ ޝާހިދު އެ ބީދައިން ކުރިން ވިދާޅުވެފައިވާއިރު އެހެން ޕޯޑިއަމްއެއްގައި އެހެން ގޮތަކަށް ވިދާޅުވި ނަމަވެސް އެ ވާހަކަތަށް ގަބޫލުނުކުރެވޭނެ ކަމަށެވެ.

"އަބަދުވެސް ދާއިމަށް ދެމި އޮންނާނީ ކަނޑުގައި މި އޮންނަ ނޫކުލަ އާއި ޖައްވުގެ އޮންނަ ނޫކުލަ އޭ [އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ]. މި ވާހަކައަކީ އަބްދުﷲ ޝާހިދު ހަމަ މި ޕޯޑިއަމްގައި ވިދާޅިވި ވާހަކައެއް. އެހެންވީމަ ދެން އެހެން ކޮންމެ ޕޯޑިއަމްއެއްގައި އެހެން ވިދާޅުވި ނަމަވެސް ކިހިނެއްތޯ ގަބޫލުކުރާނީ. ނުކުރެވޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށްބުނެ ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާކަމަށާއި ނަމަވެސް އެވާހަކަތައް އެމްޑީޕީ މެންބަރުން ދައްކަނީ އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާތީ ނޫންކަމަށާއި އެމްޑީޕީ އަށް ގެންދަން ބޭނުންވާތީ ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ޕީޕއެމްއަށް ފާޑުވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ ޑީއާރުޕީއަށް ދެރައެއް ދިނުމަށްފަ ހު ޕީޕީއެމްއަށް ވެސް ފައިދާ ނުކުރިކަމަށާއި މިހާރު ފެންނަމުންދަނީ "ޕީޕީއެމް ރޫޅޭ މަންޒަރު" ކަމަށާއި ޑީއާރުޕީ ދަނީ ކުރިއަށް ކަމަށެވެ.

"ޑީއާރުޕީ މެންބަރުން ރޮއެ ހިތާމަކޮށް ތިހެން ނުހަދާށޭ ގޮވަ ގޮވަ ތިއްބާ އެއްވެސް ހައްގުން ކަމަކާއިނުލާ އަޅުގަނޑުމެންގެ ޕާޓީ ފަޅާލުމަށް މަސައްކަތްކޮށް އަޅުގަނޑުމެންގެ ޕާޓީތެރޭގައި ފިތުނަ އުފައްދާފައި މިއަދު ގޮސް ލިބުނު މޮޅަކީ ކޮބައިތޯ. އެއްވެސް މޮޅެއްނެތް. މިއަދު އަޅުގަނޑުމެނަށް މި ފެނިގެން މި ދަނީ ރޫޅިގެންދާތަން،"

ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވެފައި ވަނީ ޑީއާރުޕީ ދާނީ ކުރިއަށް ކަމަށާއި އެ ޕާޓީ ފުނޑުފުނޑު ވެގެންނުދާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު