ގަން ބަލަހައްޓާ ޔުނިޓްގެ 41 މުވައްޒަފަކު ވަޒީފާ އިން ވަކިކުރިކަން އެންގުމުން އޮފީސް ބަންދުކުރިޔަ ނުދީ ހިފަހައްޓައިފި

ސ. ގަން ބަލަހައްޓާ ޔުނިޓްގެ މުވައްޒަފުންގެ ތެރެއިން އެއާޕޯޓްސް ކޮމްޕެނީ އަށް ބަދަލުވާން އެދިފައިވާ 41 މުވައްޒަފަކަށް ނޯޓިސް ދިނުމަކާ ނުލައި ވަޒީފާ އިން ވަކިކުރުމާ ގުޅިގެން ގަން ބަލަހައްޓާ ޔުނިޓް ބަންދު ކުރިޔަނުދީ ހިފަހައްޓައިފި އެވެ.


ވަޒީފާ އިން ވަކިކުރި މުވައްޒަފަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މިއަދު ބުނީ ކޮމްޕެނީ އަށް ބަދަލުވާން ނުވަތަ ވަޒީފާގައި މަޑުކުރުމަށް އިޚްތިޔާރު ދިނުމުން ކޮމްޕެނީން މާ ރަނގަޅުވާނެ ކަމަށް ބުނެ 42 މުވައްޒަފަކު ސޮއި ކުރުމުން ނޯޓިސް ދިނުމަކާ ނުލައި މިއަދު އެ މީހުން ވަޒީފާ އިން ވަކިކުރީ ކަމަށެވެ. އަދި މުޒާހަރާކޮށް އޮފީސް ބަންދު ކުރިޔަނުދީ ހިފެހެއްޓީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ވެސް އޭނާ ބުންޏެވެ.


މުޒާހަރާ ކުރި މީހުން އެ ސަރަހައްދު ދޫކޮށް ދިޔައީ އެ މީހުންނަށް ވަޒީފާ ލިބޭނެ ކަން އެންގުމުން ކަމަށެވެ.


ވަޒީފާ އިން ވަކިކުރުމާ ގުޅިގެން ބައެއް މުވައްޒަފުން ވަނީ ކޮމްޕެނީގެ ނަން ބޯޑު ވެސް ތަޅައިލައިފަ އެވެ.


ޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ ނައިބު އަހުމަދު އަދުހަމް ވިދާޅުވީ މިއަދު މުވައްޒަފުން މުޒާހަރާ ކުރީ ކުންފުންޏަށް ބަދަލުވާން އެދިފައި ތިބި 41 މުވައްޒަފުންގެ ތެރެއިން ކުންފުނީގެ ހާލަތު ހުރި ގޮތުން ވަޒީފާ ލިބެން އަންނަނީ 10 މުވައްޒަފަކަށް ކަމަށް ބުނުމުން ކަމަށެވެ. އަދި އޭގެ ތެރެއިން އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިނުވާ ކަމަށާއި ވަކި ކުރި ނަމަ އެކަން އެމުވައްޒަފުންނަށް އަންގާނެ ކަމަށް ވެސް އަދްހަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މީހުން މުޒާހަރާ ހުއްޓާލީ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމަށް ފަހު އެންމެންނަށް ވެސް ކުންފުނިން ވަޒީފާ ލިބޭނެ ކަން އެނގުމުން ކަމަށެވެ. އަދި އާދިއްތަ ދުވަހުން ފެށިގެން 41 މުވައްޒަފުން ކުންފުންޏަށް ބަދަލު ކުރި ކަމުގެ އެގްރިމެންޓްގައި ސޮއި ކުރާނެ ކަމަށް ވެސް އަދުހަމް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު