ބިލެއްފަހީގެ 10 ގެ އަކުން ކަރަންޓް ކަނޑާލި މައްސަލައެއް ކޯޓަށް

ށ. ބިލެއްފައްސަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ އަމިއްލަ ޖަމިއްޔާއަކުން ބިލްތައް ހަދާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ބިލްތަކަކަށް ފައިސާ ނުދެއްކި ދިހަ ގެއަކުން ކަރަންޓް ކަނޑާލި މައްސަލައެއް ބަލައި ދިނުމަށް އެދި އެ ރަށު ބަޔަކު މަދަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.


އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މައްސަލަ ހުށަހެޅީ 27 އަހަރުވަންދެން ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ޖަމިއްޔާ އިން އެނާޖީ އެތޯރިޓީގެ ޤަވައިދުތަކާ ހިލާފަށް ކަރަންޓު ބިލުތަކަށް ފައިސާ ނަގަމުން އަންނާތީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމާ ހިތްހަމަ ނުޖެހިގެން އެ ޖަމިއްޔާއާ އެކު މަޝްވަރާކުރުމަށް ފަހު ވެސް އެކަންތައް އިސްލާހުކޮށްދީފައި ނުވާތީ ކަމަށެވެ.


ގަވާއިދާއި އެއްގޮތަށް ބިލްތައް އިސްލާހް ކުރުމުން ނޫނީ ފައިސާ ނުދައްކާނޭ ކަމަށް އެ ދިހަ ގޭގެ މީހުން އަންނަނީ ބުނަމުން ކަމަށް ވެސް އޭނާ ބުންޏެވެ.


"ސުލްހަ ވެރިކަމާ އެކު މިކަމަށް ހައްލެއް ހޯދުމުގެ ބަދަލުގައި ރަށު އޮފީހާއި އެނާޖީ އޮތޯރިޓީގެ ފަރާތުން ތަކުރާރުކޮށް އެއްވެސް ގެ އަކުން ކަރަންޓް ކަނޑާނުލުމަށް އިލްތިމާސް ކުރަމުން ދަނިކޮށް ވެސް އެއިން އެއްވެސް އަމުރަކަށް ކިޔަމަން ނުވެ، އެ ދިހަ ގެ އިން ކަރަންޓް ކަނޑާލާފައި ވަނީ " އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.


އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ހުށައެޅުމުން ވަގުތުން ވަގުތަށް ކަރަންޓްގެ ހިދުމަތް ދިނުމަށް އެ ޖަމްއިއްޔާ އަށް އަންގާފައިވާ ކަމަށާއި އެ އަމުރު ތަންފީޒް ކޮށްފައި ނުވާކަމަށް ވެސް އެ ރަށު ކައުންސިލަރު އަބްދުﷲ ޝަހީމް ވިދާޅުވި އެވެ.


"މިހާތަނަށް ވެސް އެ މީހުން ބިލް ކުރަމުން ގެންދިޔައީ ގަވާއިދާ ހިލާފަށް. އަދި ގަވާއިދާ ހިލާފަށް ހަދާފައިވާ އެބިލްތައް ދައްކަން ޖެހޭނެ ކަމަށް ވެސް އެ ފަރާތުން ދަނީ ބުނަމުން. އެހެންމެ ރައްޔިތުންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހިގެން އެ މައްސަލަ ހުށަހެޅީ" ޝަހީމް ވިދާޅުވި އެވެ.


ބިލެއްފަހީގައި ކަރަންޓް ކަނޑާލި ދިހަ ގޭގެ ފަރާތުން ހުށަހަޅާފައިވާ އެ ދައުވާގައި ބުނެފައި ވަނީ ގަވާއިދާ އެއްގޮތަށް ބިލްތައް ތައްޔާރުކުރުމުގެ އަމުރެއް އެޖަމިއްޔާގެ މައްޗަށް ނެރެދިނުމަށާއި ކަރަންޓް ކަނޑާލުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު