ޑީއާރުޕީ މުޒާހަރާ: ބިނދުނު ދަތާއި ލެއިން ތަތްތެޅުނު ޓީޝާޓް އދ. އަށް

އަންގާރަ ދުވަހުގެ ރޭ ސަރުކާރާ ދެކޮޅަށް ޑީއާރުޕީން ކުރި މުޒާހަރާގައި ލިބުނު އަނިޔާގެ ސަބަބުން އެ ޕާޓީގެ މަސްވެރިންގެ ގޮފީގެ ނާއިބު ރައީސް މޫސާ ފަތުހީގެ ބިނދުނު ދަތާއި ލެއިން ތަތްތެޅިފައިވާ ޓީޝާޓު ޕާރުސަލްކޮށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު، ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.


ޑީއާރުޕީން ރޭ ބޭއްވި މުޒާހަރާ ފެށުމުގެ ކުރިން އެ ޕާޓީގެ އޮފީސް ކުރިމަތީގައި، މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، މުޒާހަރާގައި، އެ މުޒާހަރާގައި އާއްމުންގެ އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރެއިން، ގޭސް ކެމިސްޓައަކުން އަންހެނަކަށް ލިބިފައިވާ އަނިޔާ އަށް ފުލުހުން ޒިންމާވަން ޖެހޭނެ ކަމަށާއި އެފަދަ ހުރިހާ މައްސަލައެއް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަޝާއި ފުލުހުންނާ ބެހޭ މުއައްސަސާތަކަށާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.


‹ރައްޔިތުންނަށް ސަރުކާރުން އަނިޔާ ކުރާއިރު، ރާއްޖެއަށް ލިބިފައިވާ އިންސާނީ ހައްގުތަކާ ބެހޭ ގޮނޑި ދޫކޮށްލުމަށް ވެސް ނިހާނު ވަނީ ރައީސް ނަޝީދަށް ގޮވައިލައްވައިފައި›


ނިހާނު އަދި ވިދާޅުވީ ތަފާތު އެކިއެކި ގްރޫޕުތަކަށް އެކިއެކި ހަދިޔާ ދީގެން މުޒާހަރާ ރޫޅާލައި ޑީއާރުޕީގެ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީން މަސައްކަތްކުރާ ކަމަށެވެ. އަދި އެމްޑީޕީގެ މި އަމަލަކީ، ޑިމޮކްރަސީގެ ނަމޫނާ ދައްކަމުންދާ ކަމަށް ބުނާ މި ސަރުކާރުގެ ނުކުޅެދުންތެރިކަން ހުރި މިންވަރު ދޭހަވާ ކަމެއް ކަމަށެވެ.


އެއްވުން މަނާކޮށްފައިވާ ސަރަޙައްދުތަކާއި އެއްވުން މަނާކޮށްފައިވާ ވަގުތުތަކުގައި އެއްވެސް ފަރާތަކުން އެކަން ނުކުރުމަށާއި ސިޔާސީ އެއްވެސް ފަރާތަކުން އެކަމަށް ހިތްވަރު ނުދިނުމަށާއި އެކަމާ ދެކޮޅަށް ހަރަކާތްތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދީ ފުލުހުން އިއްޔެ ނެރެފައިވާ ބަޔާނަށް ރައްދު ދެއްވަމުން ނިހާން ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އިއްޔެ ސްޕްރީމް ކޯޓަށް ކަޅުތެޔޮ ޖަހާފައި ވަނީ އެމްޑީޕީން ކަމަށާއި އެފަދަ ކަންތައް އެމްޑީޕީން ކުރަނީ ޑީއާރުޕީގެ ބޮލުގައި އެޅުވުމަށް ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.


ނިހާނު އަދި ވިދާޅުވީ މި ގައުމުގައި މިހާރު ކުރަނީ ޕޮލިސް ސްޓޭޓްތަކުގައި ކުރާ ފަދަ ވެރިކަމެއްކަމަށެވެ. އަދި ރައްޔިތުންނަށް ސަރުކާރުން އަނިޔާ ކުރާއިރު، ރާއްޖެއަށް ލިބިފައިވާ އިންސާނީ ހައްގުތަކާ ބެހޭ ގޮނޑި ދޫކޮށްލުމަށް ވެސް ނިހާނު ވަނީ ރައީސް ނަޝީދަށް ގޮވައިލައްވައިފަ އެވެ.


މި އެއްވުމުގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، ލިބިފައިވާ ކިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭން ސަރުކާރުގެ އިސް ފަރާތްތަކަށް އަޑު އިއްވުމަށް ސުލްހަވެރި ކަމާއެކީ ޑީއާރުޕީން ކުރި މުޒާހަރާ އަށް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށެވެ. އަދި އެ މުޒާހަރާއާދެކޮޅަށް ފުލުހުން އާދަޔާ ހިލާފަށް ބާރުގެ ބޭނުންކޮށް، އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި އެކަމުގައި ރައްޔިތުންނަށް އަނިޔާދިން މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް، އެމީހުން ގާނޫނީ އިމުގެ ބޭރުން ކޮށްފައިވާ އަނިޔާތަކަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު