ފުވައްމުލަކު ހޯދަނޑު ކޮންނަނިކޮށް ފޮއްޓަކަށް ލާފައިވާ ބުދެއް ފެނިއްޖެ

ގަސް އިންދަން ކޮންނަނިކޮށް ފުވައްމުލަކު ހޯދަޑު ސަރަހައްދުން މިނިކަށިތަކަކާއި ފޮއްޓަކަށް ލާފައިވާ ބުދެއް ފެނިއްޖެ އެވެ.


ފުވައްމުލަކު އަތޮޅު ކައުންސިލަރު ހަސަން ސައީދު މިއަދު ވިދާޅުވީ، ހޯދަނޑު ބޯޅަދަނޑު ސަރަހައްދުން އެ އެއްޗެތި ފެނިފައި ވަނީ އަތޮޅު އޮފީހުގެ އެދުމުގެ މަތިން ބޯޅަދަނޑު ސަރަހައްދުގެ މަގުމަތި ކޮންނަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ ސަދަން ޔުޓިލިޓީސްގެ ފަރާތުން އެ ސަރަހައްދު ކޮނުނީ ގަސްއިންދުމަށް ކަމަށެވެ.


ސައީދު ވިދާޅުވީ އެތަނުން ފެނުނު އެއްޗެހީގެ ތެރޭގައި ހިރިގަލުން ހަދާފައިވާ ފޮއްޓަކަށް ލާފައިވާ އެ ބުދު ސިފަވަނީ ޖަނަވާރަކާ ކަމަށާއި އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ ކުދި ބޮލިތަކެއް އެ ފޮށީގެ ތެރެއިން ފެނިފައިވާ ކަމަށެވެ. މިނިކަށިތަކާއި ފޮށި ފެނުނީ ކުޑަހަވިއްތަ އާއި ބޮޑު ހަވިއްތައާ ދޭތެރެއިން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.


ސައީދު ވިދާޅުވީ ފުވައްމުލަކުގެ ހަވިއްތަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ތާރީހީގޮތުން މުހިންމު ސަރަހައްދަކަށް ވާތީ، އެތަކެތި ފެނުމާ އެކު ކޮނުން ހުއްޓާލުމަށް އަތޮޅު އޮފީހުން އެމީހުންނަށް އަންގާފައިވާ ކަމަށާއި އަދި އެކަމުގެ މައުލޫމާތު ޕްރޮވިންސް އޮފީހަށް ދީފައިވާ ކަމަށެވެ.


"ހެރިޓޭޖުން ދިރާސާ ކުރުމުން އެނގޭނީ އެއީ ކޮން އެއްޗެއްކަން. ބަލާބެލުމަށް އެއް ފޫޓުގެ އެ ފޮށީގެ ތެރޭގައި ހުރި އެއްޗިއްސަކީ ވަރަށް ޒަމާންވެފައި ހުރި އެއްޗެހިތަކެއް ކަމަށް ބެލެވޭ. އެހެންވެ މިހާރު އެ ސަރަހައްދު ނުކޮނުމަށް ވާނީ އަންގާފައި" ސައީދު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު