އުމަރު ވަކިކޮށްފި ނަމަ އޭނާއާ އެކު މަދުބަޔަކު ހިނގައިދާނެ: ދުންޔާ

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީން ބަލިވި އެ ޕާޓީގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރު އާ މެދު އެ ޕާޓީގެ ސުލޫކީ ކޮމެޓީން އަޅާ ފިޔަވަޅެއްގެ ސަބަބުން އެކަމާއި ހިތްހަމަ ނުޖެހިގެން އޭނާ އަށް ތާއީދުކުރާ މަދު މެމްބަރުން ތަކެއް ޕާޓީން ވަކިވެދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޕީޕީއެމްގެ އަންހެނުންގެ ހަރަކާތުގެ ރައީސާ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ނޫސްވެރީންނައް މައުލުމާތު ދެއްވަމުން ދުންޔާ ވިދާޅުވީ ޕީޕީއެމް ތެރޭގައިވެސް އުމަރަށް ތާއީދު ކުރައްވާ ބޭފުޅުން ތަކެއްވެސް ތިއްބެވިކަމަށާއި އެހެންކަމުން އެފަރާތްތަކުން އުމަރުގެ ފަހަތުން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"... އަޅުގަނޑު ވަކި އަދަދެއް ދަންނަވާކަށް ބޭނުމެއް ނޫން. އަޅުގަނޑު ދަންނަވާނީ ކުޑަ އަދަދެއް ހިނގައިދާނޭ. އެއީ އެ އުމަރުގެ ސަޕޯޓަރުން ތަކެއްވެސް ތިއްބަވާނެ،" ދުންޔާ ވިދާޅުވިއެވެ.

ޕާޓީގެ ގުނަވަންތަކުން ނިންމާ ނިންމުންތަކަށާއި އަދި ޕާޓީގެ އަސާސީ ގަވާއިދުން ކުރުމަށް ލާޒިމްކުރާ ކޮންމެ ކަމެއް ޕީޕީއެމުން ކުރާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.


މަދު ބަޔަކު ޕާޓީން ވަކިވި ނަމަވެސް އެއްވެސް މެންބަރަކު މާސްޔޫސް ނުވުމަށާއި، މިހާރުވެސް އެ ޕާޓީގެ އިސްސަފުގައި ވަރަށް ގާބިލް ބޭފުޅުން އެބަ ތިބި ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރައިމަރީ ކުރިއަށް ދިޔައީ ވަރަށް އިންސާފުވެރިކޮށް ކަމަށް ވިދާޅުވެ އަދި ޕްރައިމަރީން މޮޅުވާ ބޭފުޅެއްގެ ފަހަތުގައި ހުންނަވާނެކަމަށް ވިދާޅުވުމަށްފަހު ޕާޓީގެ އެއްބައިވަންތަ ކަމަށް ބުރޫ އަރާފަދަ ކަންކަން އުމަރު ކުރައްވަމުން ގެންދަވާ ކަމަށާއި އެހެންކަމުން އުމަރަކީ ޕާޓީ ކުރިއަރުވަން މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ބެލެވެން ނެތްކަމަށެވެ.

އުމަރު ނަސީރުގެ މައްސަލަގައި ސުލޫކީ ކޮމެޓީން ވަކި ގޮތެއް ނުނިންމަނީސް އެ ކަމާއިގުޅޭ ގޮތުން އިތުރު އެއްޗެށް މި ވަގުތު ވިދާޅުވާން ބޭނުންފުޅު ނޫންކަމަށްވެސް ދުންޔާ ވިދާޅުވި އެވެ.

"... އުމަރު ކުރިން ވިދާޅުވި މޮޅުވާ ބޭފުޅެއްގެ ފަހަތުގައި މަސައްކަތް ކުރަން ހުންނަވާނެ ވާހަކަ. އެހެންވީމަ ޕާޓީއެއްގެ ޔުނިޓީ އަކީ ވަރަށް މުހިއްމު އެއްޗެސް. މިއަށް އެއްވެސް ބުރުލެއް އަރާ މަސައްކަތް ތަކެއް ކުރާ މީހަކީ އަސްލު ޕާޓީގެ ކުރިއެރުމަށް މަސައްކަތް ކުރާ މީހެކޭ އަޅުގަނޑެއް ނުދައްނަވާނަން،" ދުންޔާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ކަމުން އިއްޔެ ވަކިވެ ވަޑައިގެންނެވި ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިލްހާލް އަހްމަދު އާ ގުޅޭގޮތުން ދުންޔާ ވިދާޅުވީ އިލްހާމް ޕާޓީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވި ނަމަވެސް އިލްހާމް ހުންނެވީ އެ ޕާޓީގައި ކަމަށެވެ.

އިލްހާމް ވެސް ވިދާޅުވެފައި ވަނީ ނާއިބް ރައީސް ކަމުން ވަކިވެވަޑައިގަތަސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ހަމައަށްވެސް ހުންނަވާނީ ޕީޕީއެމްގައި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު