މޭވާ ދޮންކުރަން ކެމިކަލް ބޭނުންކުރާ ފަރާތަކާމެދު ފިޔަވަޅު އަޅާނަން: އެފްޑީއޭ

މޭވާއާ ދޮންކުރުމަށް ރާއްޖޭގައި ކެމިކަލް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާ އެކަން ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފިއެވެ.

އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މޭވާއާ ތަރުކާރީ ހައްދައި، އެ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން މޭވާ ދޮންކުރުމަށް ކެލްސިއަމް ކާބައިޑް (ކެމިކަލެއް) ބޭނުންކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ އެކަން ދިރާސާކުރަމުން އަންނަ ކަމަށެވެ.

އަދި ބުނެފައި ވަނީ މޭވާ ދޮންކުރުމަށް ކެމިކަލް ބޭނުން ކުރުމުގެ ސަބަބުން ކެއްސުމާއި ނޭވާކުރުވުމާއި ކަރުގައި ރިއްސުމާއި ހަންގަނޑު ކަޅުވުމާއި ލޯރަތްވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.

ކެލްސިއަމް ކާބައިޑް ބޭނުންކޮށްގެން މޭވާ ދޮންކުރުމަކީ ސިއްހަތަށް ގެއްލުމެއް ލިބިދާނެ ކަމަކަށް ވާތީ އެކެމިކަލް އެގޮތަށް ބޭނުންކުރުމަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށް އިއުލާނުގައި ވެއެވެ.

ކެލްސިއަމް ކާބައިޑްއަކީ ދަނގަޑު އުފެއްދުން ފަދަ އިންޑަސްޓްރިއަލް މަސައްކަތްތަކުގައި ބޭނުންކުރާ މާއްދާއެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު