ޕީޕީއެމުން އުމަރު ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމައިފި

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ޖަލްސާއެއް ބާއްވައި، އެ ޖަލްސާގައި ހަގީގަތާ ޚިލާފް ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ޕަބްލިކްގައި މާފަށް އެދުމަށް އުމަރު ނަސީރަށް ދިން މުހުލަތުގައި ވެސް މައާފަށް ނޭދުމުން ޕާޓީން ވަކިކުރުމަށް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ޕީޕީއެމުން އުމަރު ވަކިކުރުމަށް ސުލޫކީ ކޮމެޓީގެ ނިންމި ނިންމުން ޕާޓީގެ ކައުންސިލަށް ހުށަހެޅުމަށް ވެސް ވަނީ ކޮމެޓީން ނިންމާފަ އެވެ. އަދި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ނިންމުމަށް އަމަލު ކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. އަދި އެގޮތަށް ނިންމީ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ފަދަ ސުލޫކީ މައްސަލަ ތަކުގައި މެމްބަރުން ޕާޓީން ވަކި ކުރުން، ނުވަތަ ނަސޭހަތް ދިނުން، ނުވަތަ ސަސްޕެންޑް ކުރުމުގެ ބާރު ސުލޫކީ ކޮމެޓީ އަށް ލިބެގެން ވެއެވެ.

ސުލޫކީ ކޮމެޓީގެ ނިންމުމަކާއި މެދު ޕާޓީގެ ކައުންސިލުން ހިތްހަމަ ނުޖެހިއްޖެ ނަމަ އެ ނިންމުމެއް ޕާޓީގެ އިސްތިއުނާފު ކޮމެޓީއަށް ފޮނުވިދާނެ ކަަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައި ވެއެވެ.

އުމަރު މީގެކުރިން ވިދާޅުވެފައި ވަނީ އޭނާ ޕީޕީއެމް އިން ވަކިކޮށްފިނަމަ އެ ޕާޓީ ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމަށާއި އަދި އޭގެސަބަބުން އެ ޕާޓީއަށް ބޮޑު ބިންހެލުމެއް އަތުވެދާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު