ވަޒީފާގައި 10 އަހަރު ނުވާ ނަމަ އަހަރީ ޗުއްޓީ 20 ދުވަހަށް ކުޑަކުރަން ހުށަހަޅައިފި

ވަޒީފާގައި 10 އަހަރު ނުވާ ނަމަ އަހަރެއްގެ ތެރޭގައި 30 ދުވަހުގެ ޗުއްޓީ ދީގެން ނުވާނެ ކަމަށް ބަޔާންކޮށް، އަހަރީ ޗުއްޓީ 20 ދުވަހަށް ކުޑަކުރަން ވަޒީފާއާ ބެހޭ ގާނުނަށް އިސްލާހު ހުށަހަޅައިފި އެވެ.

މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށަހެޅުއްވި އިސްލާހުގައި ބުނަނީ މެދު ނުކެނޑި ވަޒީފާ އަދާކުރާތާ ފަސް އަހަރު ދުވަހުގެ ތެރޭގައި އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭނީ 20 ދުވަހުގެ ޗުއްޓީއެއް ކަމަށެވެ. އަދި ފަސް އަހަރު އަހަވުމުން ކޮންމެ އަހަރަކު 25 ދުވަހުގެ އަހަރީ ޗުއްޓީއެއް ލިބިގެންދާނެ ކަމަށާއި 10 އަހަރުވުމުން 30 ދުވަހުގެ އަހަރީ ޗުއްޓީއެއް ކޮންމެ އަހަރަކު ލިބޭނެ ކަމަށެވެ. އަދި ވަޒީފާ އަދާ ކުރާތާ 20 އަހަރު ފުރުމުން ކޮންމެ އަހަރަކު 35 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގެ 39 ވަނަ މާއްދާ އަށް ހުށަހެޅި އިސްލާހުގައި ބުނެ އެވެ.

މިހާރު އަމަލު ކުރަމުންދާ ވަޒީފާއާ ބެހޭ ގާނޫނުގެ 39 ވަނަ މާއްދާގައި ބުނަނީ ވަޒީފާ އަދާ ކުރާތާ އެއް އަހަރު ފުރިފައިވާ ނަމަ ކޮންމެ އަހަރަކު، އަހަރީ ޗުއްޓީގެ ގޮތުގައި 30 ދުވަސް ލިބޭނެ ކަމަށެވެ.

އަހަރީ ޗުއްޓީ ނުނަގާ އަހަރުތަކުގެ ޗުއްޓީ ވެސް ހިނގާ އަހަރުގައި ބޭނުން ކުރެވޭނެ ކަމަށް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެ އެވެ. އެ ގާނުނުގެ 41 ވަނަ މާއްދާގެ (ހ)އަށް ހުށަހެޅި އިސްލާހުގައި ބުނަނީ އެއްވެސް ސަބަބަކާ ހުރެ އަހަރީ ޗުއްޓީ ނުގެގިއްޖެ ނަމަ، ނުވަތަ އަހަރީ ޗުއްޓީ ނުނަގައި ފަސްކުރުމަށް މުވައްޒަފަކު އެދޭ ނަމަ ދެ އަހަރު ދުވަހުގެ އަހަރީ ޗުއްޓީ ޖަމާކޮށްގެން އެއްކޮށް ނެގިދާނެ ކަމަށެވެ. އިސްލާހު ހުށަހަޅާފައިވާ ގޮތުން އަހަރީ ޗުއްޓީ ޖަމާ ކުރެވޭނީ ދެ އަހަރު ދުވަހުގެ ޗުއްޓީ އެކަންޏެވެ.

އަހަރު ދުވަހުގެ ތެރޭގައި ބަލިވެގެން ސަލާމުގެ ގޮތުގައި ގިނަވެގެން ބުނެވޭނީ 35 ދުވަސް ކަމަށް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެ އެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނުނުގައި ބުނަނީ ސަލާމުގެ ގޮތުގައި އަހަރެއްގެ ތެރޭގައި ބުނެވޭނީ 30 ދުވަހު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު