އަޅުގަނޑު ޕާޓީން ވަކި ކޮށްފިނަމަ ޕާޓީ ފުނޑުފުނޑު ވެގެން ހިނގައިދާނެ: އުމަރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އަސާސީ ގަވާއިދާ ޚިލާފުވި ކަމަށް ކަނޑަ އަޅައި އޭނާ ޕާޓީން ވަކި ކޮށްފިނަމަ ޕާޓީ ފުނޑުފުނޑު ވެގެން ހިނގައިދާނެ ކަށާއި، އެހެން ކަމުން އެ ވަރުގެ ކަމެއް ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން ކުރައްވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އަބްދުﷲ ޔާމީނާ ވާދަ ކުރައްވައިގެން ބަލިވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ފަހު އަމިއްލަ ދަތުރު ފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު މިރޭ މާލެ ވަޑައިގެން ބޭންކް އޮފް ސިލޯން ކުރިމަތީ ހުންނަވައިގެން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ އޭނާ ޕަބްލިކުގައި މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށާއި، އެހެން ކަމުން ޕާޓީގެ ކައުންސިލުން އޭނާ އާ ދޭތެރޭގައި އަޅާ ފިޔަވަޅެއްގެ ސަބަބުން ޕާޓީގެ ތެރެއަށް ވަރުގަދަ "ބިންހެލުމެއް" އަތުވެދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އަކީ އޭނާ އާއި ރައީސް މައުމޫން އިސްކޮށް ތިއްބަވައިގެން އުފެއްދެވި ޕާޓީ އެއް ކަމަށެވެ.

"އަޅުގަނޑު ޕަބްލިކުގައި މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނުކުރަން. އެހެންވީމައި އަޅުގަނޑު ޕާޓީން ވަކި ކުރަން ކައުންސިލުން ނިންމައިފި ނަމަ ޕީޕީއެމް ފުނޑުފުނޑު ވެދާނެ. އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ ޕާޓީގެ ތެރެއަށް ބިންހެލުމެއް އަތުވެދާނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، ރައީސް މައުމޫން ޕާޓީގެ ރައީސް އަކަށް ހުންނަވައިގެން އެފަދަ ކަމެއް ކުރައްވަފާނެ ކަމަކަށް،" އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރު ވަނީ އަބްދުﷲ ޔާމީނާ މެދު އޭނާ ކުރައްވާ ތުހުމަތުތައް މިރޭ ވެސް ތަކުރާރު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޕްރައިމަރީގައި ވޯޓު އޮޅުވާލި ކަމަށާއި، އަދި އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވިފައިވާ ކުއްޖެއް ޕީޕީއެމް އޮފީސް ތެރޭގައި ޔާމީނާ ބައްދަލު ކުރާން އައިސް އިން ތަން އޭނާ ދެކެވަޑައިގަތް ކަމަށެވެ. އަދި އޭގެ އިތުރުން ވެސް އޭނާ ޔާމީނާ މެދު ކުރި ހުރިހާ ތުހުމަތު ތަކަކީ ވެސް ތެދު ތުހުމަތުތަކެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޔާމީނުގެ ކިބައިން ކުރީން ކަންތައްތަކެއް ފެނުނު ނަމަވެސް ޕާޓީގެ ޕްރައިމަރީ ޔާމީން ކާމިޔާބު ކުރެއްވުމުން، އެކަމަކީ ކޮންމެ ގޮތަކަށް ހިނގައި ދިޔަ ކަމެއް ނަމަވެސް އޭނާ ހުންނެވީ ޔާމީނާ އެކު މަސައްކަތް ކުރައްވާ ގޮތަށް ކަމަށާއި އެހެން ނަމަވެސް އެ ގޮތުގައި ކުރިޔަށް ދެވޭނީ ޔާމީނު އަރިސްކުރައްވައިގެން ގެންގުޅުއްވާ ބޭފުޅުންނަކީ "ސާފު" ބޭފުޅުންކަމަށް ވާ ނަމަ ކަމަށެވެ.

އަދި އޭނާ އުންމީދު ކުރައްވާ ގޮތުގައި އޭނާގެ ސަޕޯޓަރުން ވެސް ތިބޭނީ ހަމަ އެ އުސޫލުން ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބު ކުރި ފަރާތަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދިނުމުގެ ނިޔަތުގައި ކަމަށާއި، އެހެން ނަމަވެސް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅާގެ ފަޅުވެރީންނަކީ ކޮރަޕްޓް ބޭފުޅުން ކަމަށް ވާ ނަމަ އޭނާ ވެސް އަދި އޭނާއަށް ތާއީދު ކުރި މެންބަރުން ވެސް ޕާޓީއަށް ވުރެ ގައުމު ބޮޑުކަން ދަންނާނެ ކަމަށެވެ.

މިރޭ އުމަރު މާލެ ވަޑައިގަތް ތަނަށް އޭނާއަށް ތާއީދު ކުރާ ވަރަށް ގިނަ ބަޔަކު ހާޒިރުވި އެވެ. އަދި އުމަރަށް ތާއީދު ކޮށް ހަދާފައިވާ ލަވަތައް ވެސް އެ ތަނުގައި އަޑުގަދަކޮށް ޖަހައިފައި ހުއްޓެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު