ޖޭއެސްސީގެ މައްޗަށް ކުރާ ދައުވާގެ ތެރެއަށް ވެލެޒިނީއަށް ނުވަދެވޭނެ ކަމަށް މަދަނީ ކޯޓުން ނިންމައިފި

ޓްރެޝާ އައިލެންޑް އެންޓަޕްރައިސަސްގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު އައިޝަތު ވެލެޒިނީއަށް ނުވަދެވޭނެ ކަމަށް މަދަނީ ކޯޓުން މިއަދު ނިންމައިފި އެވެ.


އިޖްރާއީ ނިންމެވުމެއްގެ ގޮތުގައި މަދަނީ ކޯޓުން ނިންމެވި ނިންމުމުގައި ބުނަނީ ޝަކުވާތަކެއް ބަލައިދީފައި ނުވާ ކަމަށް ބުނެ ޖޭއެސްސީގެ މައްޗަށް ޓްރެޝާ އައިލެންޑުން ހުށަހެޅި މައްސަލައިގެ ތެރެއަށް ކޮމިޝަންގެ މެންބަރު ވެލެޒިނީ ވަނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.


ގާޒީ ވިދާޅުވީ ވެލެޒިނީގެ ހުށަހެޅުމަށް ނަޒަރުކިއިރު އޭނާ ޝަރީއަތުގެ ތެރެއަށް ވަނުމަށް ބޭނުން ވަނީ ދައުވާ ކުރާ ފަރާތުގެ ދައުވާއަށް ކޮމިޝަނުން ފުރިހަމައަށް ޖަވާބު ނުދޭ ކަމަށް ބުނެ ކަމަށެވެ.  އަދި މައްސަލައިގެ އަދުލުވެރި އިންސާފުވެރި ނިންމުމަކާ ހަމައަށް ވާސިލުވުމަށް ޝަރީއަތަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތަކެއް ފޯރުކޮށްދޭން ބޭނުންވާ ކަމަށް ބުނެ ކަމަށެވެ.


މަރިޔަމް ނިހާޔަތު ނިންމެވި އިޖްރާއީ ނިންމެވުމުގައި ބުނަނީ މި މައްސަލައިގައި ވެލެޒިނީގެ ޒާތީ މަސްލަހަތެއް ހިމެނޭ ކަމަށް ދެކެގެން އެ މަސްލަހަތުގެ ހައްގުގައި ބަހެއް ބުނަން ކަމަށް ވެލެޒިނީ ބޭނުން ނުވެފައި ދައުވާ ރައްދުވާ ފަރާތަކީ ޖޭއެސްސީ ކަމަށްވެފައި ވެލެޒިނީއަކީ ޖޭއެސްސީގެ މެންބަރެއް ކަމަށެވެ. މައްސަލައިގެ ތެރެއަށް ވަނުމަށް ހުށަހަޅާފައި ވަނީ ވެސް އެ ހައިސިއްޔަތުން ކަމާއި ލިބިފައިވާ މައުލޫމާތުތަކަކީ ވެސް އެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތުކަން އެނގޭ ކަމަށެވެ.


ނިހާޔަތު ވިދާޅުވީ މި ސަބަބުތައް މިހެން ހުރުމާއެކު ޖޭއެސްސީ ގާނޫނުގައި ބަޔާންކޮށްފައިވާ ކޮމިޝަންގެ މެންބަރުންގެ މަސްއޫލިއްތު އަދާކުރުމުގައި ބަހައްޓަންޖެހޭ ސުލޫކީ މިންގަނޑަށް ރިއާޔަތް ކުރާއިރު ކޮމިޝަންގެ މެންބަރުންނަށް ކޮމިޝަންގެ މެންބަރުންގެ މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ހާމަކުރެވޭނީ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކަމަށެވެ.


އެހެން ކަމުން  ކޮމިޝަންގެ މައްޗަށް ދައުވާ ލިބޭ ގޮތަށް އެ ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ޝަރީއަތުގެ ތެރެއަށް ވަނުމަށް ވެލެޒިނީ ހުށަހަޅާފައިވާ ހުށަހެޅުން ގަބޫލު ކުރެވޭނެ ތަނެއް ނެތް ކަމަށެވެ.


ވެލެޒިނީއަކީ ޖޭއެސްސީގެ މެންބަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތުން އައްޔަން ކުރައްވާފައިވާ ފަރާތެވެ. ފަހަކަށް އައިސް ވެލެޒިނީގެ ސުލޫކީ މައްސަލަތައް ވަނީ ދިމާވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު