ޓޯ ކޮށްފައިވާ ވެހިކަލްތައް ގެންދިއުމަށް ތިން މަސް ދުވަހުގެ މުހުލަތެއްދީފި

ފުލުހުން ޓޯ ކޮށްގެން ނަގާފައިވާ އުޅަނދުތައް ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭ ނުގެންގޮސްފިނަމަ އެތަކެތި ނައްތާލާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

ފުލުހުން ބުނީ މީގެ ފަސް އަހަރުކުރިން ފެށިގެން ފުލުހުން ޓޯ ކޮށްގެން ނަގަން ފެށި އުޅަނދުތަކުގެ ވެރިފަރާތުން ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު، އެތަކެތި ގެންދިޔުމަށް ތިންމަސް ދުވަހުގެ މުހުލަތެއް ދީފައިވާނެ ކަމަށެވެ. އަދި އެކަން އާންމުކޮށް އެންގުމަށްޓަކައި ގެޒެޓްގައި ޝާއިއުކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޓޯ ކޮށްގެން ފުލުހުން ނަގާފައިވާ އުޅަނދުތަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެނެވެ. އެގޮތުން 2008 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުން ފެށިގެން 2009 އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޓޯ ކޮށްފައިވާ އެއްގަމު އުޅަނދުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ، އުޅަނދު ނެގުމަށްދިޔަ ޚަރަދުގެ ޖޫރިމަނާއާއި އުޅަނދު ނެގިކަން އިއުލާން ކުރިދުވަހުން ފެށިގެން ތިން ދުވަހުގެތެރޭ އެ އުޅަނދަކާއި ބެހޭ މައްސަލަ ނުނިމައިއޮވެ، ހޭދަވާ ކޮންމެ ދުވަހަކަށްވާ ޖޫރިމަނާގެ ފައިސާގެ ތެރެއިން 11 ދުވަހުގެ ޖޫރިމަނާއަށްވާ ފައިސާ ދެއްކުމުންނެވެ.

އަދި 2009 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ޓޯކޮށްފައިވާ އުޅަނދުތައް ދޫކުރާނީ، ފުރަތަމަ ފަހަރަށް ނަމަ 250ރ. ދެއްކުމުންނެވެ. ދެވަނަ ފަހަރަށް ނަމަ 500ރ. ދައްކަންޖެހޭއިރު، ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 750ރ.ގެ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޓޯ ކޮށްފައިވާ އުޅަނދުތައް ގެންދިއުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެ މުއްދަތުގެ ތެރޭ ވެހިކަލް ނުގެންގޮސްފިނަމަ އޮންނަ އުސޫލުގެ ދަށުން އެތަކެތި ނައްތާލާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު