އިންޑިއާގެ އާ ހައިކޮމިޝަނަރު ރާއްޖެވަޑައިގެންފި

އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅި އާ ހައިކޮމިޝަނަރު ރާޖީވް ޝަހަރޭ ރާއްޖެވަޑައިގެންފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ބުނީ ހައި ކޮމިޝަނަރުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ރާޖީވް ޝަހާރޭ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ރާއްޖޭގައި ހުންނަވާ ހައިކޮމިޝަނަރުގެ މަގާމަށް ރާޖީވް ޝަހާރޭ އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ އިންޑިއާގެ އެކްސާޓަނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގަ އެވެ. އެމަގާމުގައި ހުންނެވި އިރު އޭނާއަކީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ހުޅަނގު އޭޝިއާއާ ބެހޭ ބައިގެ ވެރިއާ އެވެ.

ރާޖީވް ޝަހާރޭ ހައިކޮމިޝަނަރުކަމުގެ މަގާމަށް އައްޔަން ކުރީ ކުރިން ރާއްޖޭގައި ހުންނެވި ހައިކޮމިޝަނަރު ޑީއެމް މުލޭގެ މަގާމުގެ ދައުރު މިދިޔަ އަހަރު ހަމަވެފައިވާތީ އެވެ.

މުލޭގެ ދައުރު ހަމަވި ފަހުން ވެސް ރާއްޖޭގައި އިތުރު ދުވަސްތަކަށް ބެހެއްޓީ ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ކަމަށް އިންޑިއާ އިން ކުރިން ވަނީ ބުނެފަ އެވެ. މީގެ ދެހަފުތާއެއްހާ ދުވަސް ކުރިން މުލޭ ވަނީ ފުރާވަޑައިގެންފަ އެވެ.

ހައިކޮމިޝަނުން ބުނީ އާ ހައިކޮމިޝަނަރު ރާއްޖެ ވަޑައިގެންނެވި ފަހުން މިވީ ދެ ދުވަހަކީ ބަންދު ދެ ދުވަހަށް ވާތީ އޭނާ އަދި މަސައްކަތް ނުފައްޓަވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު