ޕީޕީއެމް ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ނިންމުމާ ހިލާފަށް ޖަލްސާއެއް ބޭއްވި މައްސަލާގައި މައާފަށް އެދުމަށް އުމަރު ނަސީރަށް މުހުލަތެއް ދީފައިވީ ނަމަވެސް އެކަމާ މެދު ގޮތެއް ކަނޑައަޅާނީ އުމަރު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން ކަމަށް އުމަރުގެ ޓީމުން ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރުގެ ސްޕޯކްޕާސަން އަބްދުﷲ ސިނާން މިއަދު ވިދާޅުވީ ޕީޕީއެމްގެ ކައުންސިލުން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމަކަށް ފަހު އެ ޕާޓީގެ އެންމެހާ މެމްބަރުންގެ ކިބައިން ޕަބްލިކްގައި މައާފަށް އެދުމަށް ނިންމައި މައާފަށް އެދުމަށް އެނގި ސިޓީ އުމަރަށް ލިބިވަޑައިގެންނެވީ އެ ދުވަހުގެ ވަރަށް ފަހުގެ ވަގުތެއްގައި ކަމަށާއި އުމަރު ފުރާވަޑައިގެންނެވީ އެ ސިޓީއަށް ޖަވާބެއް ނުދެއްވައި ކަމަށެވެ.
"މިހާރު އެކަމާ މެދު ވަކި އެއްޗެއް ވިދާޅުވެވޭނީ އުމަރު މިކޮޅަށް ވަޑައިގެން، އެއީ މިކަމަކީ މުހިންމު ކަމަކަށްވާއިރު އެކަމާ މެދު ވިސްނާވަޑައިގެން އެކަމަށް ޖަވާބެއް ދެއްވޭނީ، ރަސްމީކޮށް އެކަމަށް އެދި ސިޓީއެއް އައިސްފައިވާ ކަން އުމަރަށް ވެސް ވަނީ އެނގިވަޑައިގެންފަ،" ސިނާނު ވިދާޅުވި އެވެ.
އުމަރު ނަސީރު މައާފަށް އެދުމަށް ޕީޕީއެމުން މިހާރު ވަނީ ދެ ވަނަ ފުރުސަތެއް އަންނަ އާދީއްތަ ދުވަހާ ހަމައަށް ދީފަ އެވެ. އުމަރު މައާފަށް އެދުމަށް ޕީޕީއެމްގެ ކައުންސިލުން ނިންމީ އެޕާޓީގެ އަސާސީ ގަވާއިދާ 69 ވަނަ މާއްދާގެ (ށ)އާ ހިލާފަށް ޖަލްސާއެއް ބާއްވައި އެ ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމިންއާ ބެހޭ ގޮތުން ހަގީގަތާއި ހިލާފް ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ އެވެ. އެންމެ ފުރަތަމަ އުމަރަށް މައާފަށް އެދުމުގެ ފުރުސަތު ދިނީ ޕީޕީއެމުން މިދިޔަ އަންގާރަ ދުވަހު ރޭ ބޭއްވި ބޮޑު ޖަލްސާގެ ކުރިންނެވެ.
ޕްރައިމަރީއަށްފަހު ޖަލްސާއެއް ނުބޭއްވުމަށް މައުމޫން ވެސް ވަނީ އުމަރު ނަސީރަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެން އެސްއެމްއެސް ފޮނުއްވާފަ އެވެ.