އިންސާނުންގެ ގައިން ކުރިން ފެނިފައި ނުވާ ދޫނި ރޯގާގެ ވައްތަރެއް ޗައިނާއިން ފެނިއްޖެ

އިންސާނުންގެ ގައިން ކުރިން ފެނިފައި ނުވާ، ދޫނި ރޯގާގެ ވައްތަރެއް ޗައިނާއިން ރިޕޯޓުކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ އުމުރުން 32 ގެ އަންހެނަކާއި، 42 ގެ އަންހެނަކާއި 48 ގެ އަންހެނެއްގެ އިތުރުން އުމުރުން 83 އަހަރުގެ ފިރިހެނެއްގެ ގައިން މި ބަލި ފާހަގަ ކުރެވިފައި ވަނީ މާޗު މަހުގެ 19 އާއި 21 އާ ދެމެދު ކަމަށާއި އަދި ހަތަރު މީހުންގެ ވެސް ހާލު ވަރަށް ސީރިޔަސް ކަމަށެވެ.

އެޗް7އެން9 (H7N9) ގެ ނަން ދީފައިވާ ދޫނި ރޯގާގެ މި ވައްތަރު މިހާތަނަށް ހަތް މީހެއްގެ ގައިން ފެނިފައިވެއެވެ. އަދި ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް މިބަލި ފެތުރޭ ކަން މިހާތަނަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. އެޗް7އެން9 ގެ ވައިރަސް ފެނުނު މީހުންނާ މުއާމަލާތްކުރި 160 މީހަކު ކަރަންޓީނުކޮށްގެން ބަލަމުން ދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ މިވަގުތަށް ސަމާލުވާންވީ ސާފުތާހިރުކަން އިތުރުކޮށް، ބަލިތައް ފެތުރޭ ގޮތްތައް ހުއްޓުވުމަށް ކަމަށާއި، ޗައިނާއިން އެމަސައްކަތްތައް ރަސްމީކޮށް ފަށައިފައިވާ ކަަމަށެވެ.

ޑަބްލިޔުއެޗްއޯގެ ކޮލަބަރޭޝަން ސެންޓާ އޮން އިންފުލުއެންޒާގެ ޑިރެކްޓާ ޑރ. ޖޯން މެކައުލީ ވިދާޅުވީ މިވައިރަހަކީ އޭވިއަން އިންފުލުއެންޒާގެ ތެރެއިން ފެނިފައިވާ ސަބް-ޓައިޕް އޭގެ ވައިރަހެއް ކަމަށާއި މީގެ ކުރިން އިންސާނެއްގެ ގައިން މިވައިރަސް ފެނިފައި ނުވާތީވެ، މިވައިރަސް ފެތުރޭ ގޮތް ހޯދާން ޖެހިފައިވާ ކަަމަށެވެ.

"މިވައިރަސް އިންސާނުންގެ ގަޔަށް އަރާ ގޮތެއް އަދި ނޭނގޭ. ފެތުރުން ހުއްޓުވުމަށްޓަކައި މި ބަލި އިންސާނުންނަށް ޖެހޭ ގޮތް ހޯދުން މުހިއްމު. ވައިރަސް ފެތުރުން ހުއްޓުވޭނީ އޭރުން " ޑރ. މަކައުލީ ވިދާޅުވި އެވެ.

ޓެސްޓުތަކުން ދައްކާ ގޮތުގައި އެޗް7އެން9 އަށް ފަރުވާ ދިނުމަށް އެންޓި-އިންފުލުއެންޒާ ބޭސްތައް ކަމަށްވާ ޓެމިފުލޫ އަދި ރިލެންޒާ ބޭނުން ކުރެވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު