އުމަރު ޕަބްލިކްގައި މައާފަށް އެދުމަށް ޕީޕީއެމުން އަންގައިފި

ޕީޕީއެމް އިން މިރޭ ކާނިވާ ސްޓޭޖްގައި ބާއްވަން ހަމަޖައްސާފައިވާ ޖަލްސާގެ ކުރިން އުމަރު ނަސީރު ޕަބްލިކުގައި މައާފަށް އެދުމަށް އޭނާ އަށް އަންގައި އެ އެންގުން އޭނާ އަށް ރައްދުކޮށްފި އެވެ.

ޕީޕީއެމް އިން ބުނީ އެ ނިންމުން ރަސްމީކޮށް އުމަރު ނަސީރަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ފަރާތުން މޫކައި ހޮޓެލްސްގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ސްޕޯކްސްޕާސަން އަހްމަދު މަހްލޫފް ވިދާޅުވީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ބޮލުގައި އަޅުވައި ޕަބްލިކުގައި ރޭ އުމަރު ދެއްކެވި ވާހަކަފުޅުތަކަށް މިރޭ ބާއްވާ ޖަލްސާގެ ކުރިން މައާފަށް ނޭދިއްޖެ ނަމަ ދެން އޭނާ އާއި ދޭތެރޭ އަޅާނެ ފިޔަވަޅެއް ކައުންސިލުން ފަހުން ނިންމާނެ ކަމަށެވެ.

"ޕްރައިމަރީގައި ވާދަ ކުރި ދެ ކެންޑީޑޭޓުންނާ ބައްދަލުކޮށް އެއްބަސްވެފައި ވަނީ ޕްރައިމަރީ އަށް ފަހު އެންމެ ފުރަތަމަ ބާއްވާ ބައްދަލުވުމަކީ ދެ ކެންޑީޑޭޓުންނާއި ޕާޓީގެ ރައީސް ބައިވެރިވާ ބައްދަލުވުމަކަށް ހެދުމަށް. އެހެން އެކަން އޮއްވައި އުމަރުގެ ސަޕޯޓަރުންނާ ބައްދަލުކޮށްލުމުގެ ނަމުގައި ޖަލްސާއެއް ބާއްވައި ހުސް ދޮގު ވާހަކަ ދެއްކީ. އަދި މިރޭ ބާއްވާ ޖަލްސާގައި އުމަރު ނަސީރު އަށް ތާއީދު ކުރާ އެއްވެސް މީހަކު ބައިވެރި ނުވުމަށް ވަނީ ގޮވާލާފައި. އެހެންވީމާ ޕާޓީގެ ކައުންސިލްގެ އިއްތިފާގުން މި ނިންމީ މިރޭ ބާއްވާ އެއްބައިވަންތަ ކަމުގެ ޖަލްސާގެ ކުރިން "ޕަބްލިކް އެޕޮލޮޖީ"އެއް އުމަރު ދެއްވަން." މަހްލޫފް ވިދާޅުވި އެވެ.


މަހްލޫފް ވިދާޅުވީ އުމަރު އެކުރި ކަންތަކުގެ ސަބަބުން އޭނާއާ ދޭތެރޭ ކޮންމެ ފިޔަވަޅެއް ވެސް އެޅިދާނެ ކަމަށެވެ. އަދި އޭނާ އެ ދެއްކި ވާހަކަތަކުގެ ސަބަބުން ބައެއް ފަރާތްތަކުން އެ މައްސަލަ ފުލުހުންނަށް ހުޅަހަޅަން ވެސް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު އޮތް ކައުންސިލުގެ ބައްދަލުވުމުގައި އުމަރަށް ތާއީދުކުރާ ފަރާތްތަކުގެ ތެރެއިން ބައިވެރިވީ ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ނާޒިމް އެކަންޏެވެ. ނަމަވެސް ކުޑަވަގުތު ކޮޅަކަށް ފަހު ނާޒިމް ބޭރަށް ވަޑައިގަތް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު