ޗީފް އޮފް ޑިފެންސް ފޯސް މޭޖަޖެނެރަލް މޫސާ އަލީ ޖަލީލާއި ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ފަސީހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަޑައިނުގަންނަވާތީ، އެކާމެދު ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ދައުލަތުގެ ސަލާމަތީ ބާރުތަކުގެ އިސް ބޭފުޅުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަޑައިނުގަންނަވާ މައްސަލައާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް އެދި އެ ކޮމިޓީން މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ދެއްވި ފުރުސަތުގައި މިގަރާރު ހުށަހެޅުއްވީ، ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒެވެ.
ގަރާރު ހުށަހަޅުއްވަމުން މުޖުތާޒު ވިދާޅުވީ، ގާނޫނު އަސާސީގެ 237 ވަނަ މާއްދާގައި ބަޔާންކުރާ ސަލާމަތީ ހިދުމަތްތަކުގެ ވާޖިބުތަކުގެ ތެރޭގައި ގާނޫނު އަސާސީގައި ބުނާ މުއައްސަސާތައް ހިމާޔަތް ކުރުމާއި ގާނޫނު އަސާސީ ދެމެހެއްޓުން ހިމެނޭކަމަށެވެ. އަދި ގާނޫނު އަސާސީގެ 238 ވަނަ މާއްދާގައި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަން ވަނީ އަދި އެ ތަންތަނުން ހިންގަން ޖެހޭ ކަންތައްތައް ހިންގާނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބުނާ އިރު 239 ވަނަ މާއްދާގައި ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިނގާނެ ކަމަށް ބަޔާންކުރާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރު ކުރަން ބޭނުންވާ މީހަކު ނުވަތަ ވަކި މުއައްސަސާއަކުން، ނުވަތަ ވަކިވަކި ފަރުދަކު ވެސް ހާޒިރުކުރުމުގެ ބާރު ގާނޫނު އަސާސީގެ 99 މާއްދާ އިން ކޮމެޓީ އަށް ލިބިދޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޖުތާޒު އަދި ވިދާޅުވީ، ގާނޫނު އަސާސީގައި އެފަދަ ގޮތަކަށް އޮއްވައި ތަކުރާރުކޮށް އެންގުމުން ވެސް ޗީފްއޮފް ޑިފެންސް ފޯސް އާއި ކޮމިޝަނަރު އޮފް ޕޮލިސް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް އިންކާރު ކުރައްވާފައިވާކަމަށެވެ. އެހެންކަމުން މަޖިލީހުންނާއި ކޮމިޓީތަކުން އަންގާ އެފަދަ އެންގުންތަކާ މެދު ސަލާމަތީ ހިދުމަތްތަކާއި ސަރުކާރާއި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންނާއި އަމިއްލަ ފަރުދުން އަމަލްކުރަން ޖެހޭނެ ގޮތަކާ މެދު ގާނޫނު އަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް އެދުމަށް އެދި އެ ގަރާރު ހުށަހެޅުއްވީ ކަމަށް ވެސް މުޖުތާޒު ވިދާޅުވި އެވެ.
އެ މައްސަލައާ ބެހޭ ގޮތުން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ ޗީފް އޮފް ޑިފެންސްފޯހާއި ކޮމިޝަނަރު އޮފް ޕޮލިސް ކޮމިޓީގެ އެންގުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވުމުގެ ސަބަބުން ކޮމިޓީގައި މަސައްކަތްތައް ފުނިޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަނޑިޔާރުންގެ ސަލާމަތާ ބެހޭ މައްސަލަ އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އެންމެ ފަހުން އައްޔަން ކުރެއްވި ތިން ބޭފުޅުން އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމުގެ މައްސަލައަކާއި މަޖިލީހުގެ ދެ މެންބަރަކު ހުށަހަޅުއްވާފައިވާ ދެ މައްސަލައިގެ އިތުރުން ފުލުހުންގެ މުއައްސަސާގެ ތެރޭގައި ހިނގާ ގާނޫނާހިލާފް މައްސަލަތައް ހިމެނޭކަމަށެވެ.
އެ މައްސަލައަށް ވާހަކަ ދައްކަވަމުން ހުޅުހެންވޭރު ދާއިރާގެ މޫސާމަނިކު ވިދާޅުވީ، ކަނޑައެޅިފައިވާ ގަވާއިދާ ހިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އިސްބޭފުޅެއް އެ ކޮމިޓީއަށް ހާޒިރު ކުރިޔަ ނުދެއްވާނެ ކަމަށެވެ. އަދި ދައުލަތުގެ އިސްވެރިން ކޮމިޓީތަކަށް ހާޒިރު ކުރުވައިގެން ގަވާއިދާހިލާފަށް އެ ތަންތަނަށް ކެމެރާ ވައްދައިގެން ސަރުކާރުގެ ސިޔާސަތުތައް އޮޅުވާލައިގެން އާއްމުނާ ހިސާބަށް ގެނައުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި އެފަދަ އިސް ބޭފުޅުން ކޮމިޓީތަކަށް ހާޒިރު ކުރުވައިގެން ކަންތައްތައް ކުރަމުން ގެންދަނީ ރަނގަޅަށް ނޫން ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި، ސަރުކާރުގެ އިސްވެރިން ކޮމިޓީތަކަށް ހާޒިރުވުމާ ބެހޭ ގަވާއިދެއް ވަޒީރުންގެ މަޖިލީހުން ހަދާފައިވާކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ފޭދޫދާއިރާގެ އަލްހާން ފަހުމީ ވިދާޅުވީ، ގާނޫނު އަސާސީގައި ބުނަނީ ޖަވާބުދާރީވުމަށް ވަޒީރުން ހާޒިރުކުރަން ޖެހޭނެ ވާހަކަ ކަމަށާއި ވަޒީރުން ތިއްބެވީ އެކަމަށް ތައްޔާރަށް ކަމަށެވެ. އަދި ކޮމިޓީތަކަށް ފުލުހުންގެ އިސްފަރާތްތައް ހާޒިރު ކުރުވުމަށް މަސައްކަތް ކުރަނީ އިދިކޮޅު ފަރާތްތަކުގެ ނުފޫޒު އެ މުއައްސަސާތަކަށް ފޯރުވުމަށް ކަމަށް ވެސް އަލްހަން ވިދާޅުވި އެވެ.
މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން ވިދާޅުވީ، ފުލުހުންގެ ހިދުމަތާގުޅޭ އެކި އެކި ކަންކަމުގައި ފުލުހުން އަމިއްލައަށް އެދިގެން ކޮމިޓީތަކަށް ހާޒިރުވެފައިވާކަމަށެވެ. އެހެންކަމުން މަޖިލީހުގެ މައްސަލަތަކުގައި އެފަރާތްތައް ކޮމިޓީތަކަށް ހާޒިރު ނުވާންވީ ސަބަބެއްނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހަކީ މައްސަލަ ބެލުމާއި ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ ތަނަކަށްވާތީ ހާޒިރު ވުމަށް އަންގާ ފަރާތްތަކުން މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވާން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.