ޕީޕީއެމް ޕްރައިމަރީގެ ވޯޓު ލައި ނިމުނު އިރު، ބާކީ ހުރި ވޯޓު ކަރުދާސް ކޮޅުތަކުގައި ޔާމީނުގެ ނަން ޖެހުމަށް ފަހު ވޯޓު ފޮއްޓަށް އަޅައިލި އިރު ވެސް ހުންނެވީ ޕީޕީއެމްގައި ކަމަށާއި އެހެންކަމުން މި ހަނގުރާމަ ކުރާނީ ވެސް، އަދި ނިންމާނީ ވެސް ޕީޕީއެމްގެ ތެރޭގައި ކަމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އަބްދުﷲ ޔާމީނާ ވާދަ ކުރައްވައި އިންތިހާބު ނާކާމިޔާބު ވެވަޑައިގަތް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕްރައިމަރީއަށް ފަހު ވަކި ބޭފުޅަކު އާންމު ޖަލްސާއެއް ނުބޭއްވުމަށް ޕާޓީގެ ކައުންސިލުންނާއި، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވައިލައްވައިފައި ވަނިކޮށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މުޅި ރާއްޖެ އަށް "ހުދު އިންގިލާބެއް" ގެންނާނެ ކަމަށާއި އެ އިންގިލާބު ޕީޕީއެމްގެ ތެރެއަށް ވެސް ގެންނާނެ ކަމަށެވެ.
"ވޯޓުލާން ހުރި ވޯޓު ފޮށިތަކަށް އެންމެ ފަހު ގަޑީގައި، ވޯޓު ނުލައި ބާކީ ހުރި ވޯޓު ކަރުދާސްކޮޅުތައް އަބްދުﷲ ޔާމީނުގެ ނަން ޖަހައިފައި ފޮއްޓަށް އަޅައިލުން. މި ހުރިހާ ކަމެއް ހިނގި އިރުގައި ވެސް އަޅުގަނޑުމެން އަދިވެސް މި ތިބީ ޕީޕީއެމްގައި. ތިބޭނީ ވެސް ޕީޕީއެމްގައި. މި ހަނގުރާމަ ކުރާނީ ވެސް ޕީޕީއެމް ތެރެއިން. މި ހަނގުރާމަ ނިންމާނީ ވެސް ޕީޕީއެމް ތެރެއިން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީ ނާކާމިޔާބު ވެއްޖެ ނަމަ ޕާޓީ ދޫކޮށް "ބޯކޮޅު ވަތަށް ޖަހައިގެން" އެހެން ޕާޓީއަކަށް އޭނާ ދާނެ ކަމަށް ވެސް ބަޔަކު ވިސްނައިގެން ތިބި ކަމަށެވެ. ނަމަވެސް ޕީޕީއެމް ދޫ ކުރައްވައި ވަޑައިނުގަންނަވާނެ ކަމަށާއި އޭނާއަށް ގަބޫލު ނުކުރެވޭ މީހުން ގާތް ކުރައްވައިގެން ޔާމީން ވަޑައިގެންފި ނަމަ "އުމަރުގެ ތާއީދެއް" ޔާމީނަކަށް ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އޮންނާނީ ޔާމީނަށް މަރުހަބާ ދަންނަވައިފައި. އެކަމަކު ދަންނަވާނަން ވާހަކައެއް. އަޅުގަނޑު ގަބޫލު ނުކުރާ މީސް މީހުން ކައިރީގައި ބައިތިއްބައިގެން މަނިކުފާނު ހިނގައިގެންފި ނަމަ އުމަރު ނަސީރުގެ ތާއީދެއް ނުލިބޭނެޔޭ. ހަނދާން ކުރައްވާ އަޅުގަނޑު ދެންނެވިން ކޮރަޕްޓް ނެޓްވޯކެއްގެ ވާހަކަ،" އުމަރު ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ދައުވާ އެމީހުންގެ މައްޗަށް އުފުލި، އެފަދަ މައްސަލަތަކުގައި އެމީހުންގެ މައްޗަށް ޝަރީއަތް ހިންގިފައިވާ ބޭފުޅުން ޕީޕީއެމްއާ ގުޅިވަޑައިގަންނަވާތީ އެ ކަމާ ކަން ބޮޑު ވެވަޑައިގަންނަވާ ކަމަށް ވިދާޅުވަމުން އުމަރު ވިދާޅުވީ ގައުމުގެ މަސްލަހަތު ގެއްލޭ އަދި ގައުމުގެ ހަޒާނާއަށް "އަތް ބާނައި، އެއްޗެއް ނަގައިފާނެ މީހުން ފަހަތަށް ލައިގެން ކުރާ ދަތުރެއްގައި" ބައިވެރި ނުވާނެ ކަމަށެވެ.
އުމަރުގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި، ވިދާޅުވީ ޔާމީން ކަނޑައަޅުއްވާ ޓީމް ބެއްލެވުމަށް ފަހު އެ ޓީމަކީ ގައުމަށް ފައިދާ ހުރި ޓީމެއް ނަމަ ޔާމީނާ އެކު ކުރިޔަށް ދިއުމަށް ގޮވައިލައްވާނެ ކަމަށާއި، ނަމަވެސް ގައުމަށް ގެއްލުން ދީފާނެ ބަޔަކު ގޮވައިގެން ޔާމީން ކުރައްވާ ދަތުރެއްގައި ބައިވެރި ނުވާނެ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓު ލުން ކުރިއަށް ދިޔަ އިރު، ރާއްޖޭގައި ހަރަކާތްތެރި ވާ ގޭންގު ގްރޫޕުތައް ޔާމީންގެ ފަހަތުގައި ހަރަކާތްތެރިވި ކަމަށާއި، އަދި އެމީހުން "ކަޅު ފައިސާ" ފޮށިފޮއްޓަށް އަޅައިގެން ރަށްރަށަށް ދަތުރު ކުރި ކަމަށް ވެސް އުމަރު ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު އައީ ވަކާލާތު ކުރަމުން ގޭންގު ގްރޫޕްތައް ފުނޑުފުނޑު ކޮށްލައި، މަސްތުވާތަކެތީގެ ނެޓްވޯކްތައް ފުނޑުފުނޑު ކޮށްލާނެ ކަމަށް. އަޅުގަނޑަށް އެނގޭ އެ ހުރިހާ އެންމެން ފުންމައިގެން އަޅުގަނޑާ ދިމާލަށް ނުކުންނާނެކަން. އަދި ވޯޓުލީ ދުވަހު އެ އެންމެން ނުކުތް އަޅުގަނޑުމެންނާ ދިމާލަށް. ނުކުމެ ހަމައެކަނި ނުފޫޒް ބޭނުން ކުރީކީ ނޫން. ކަޅުފައިސާ ހިފައިގެން ނުކުމެ ދަބަސްދަބަހަށް އަޅައިގެން ރަށްރަށަށް ދަތުރުކޮށް އެ ރަށްރަށުގެ އިސް މީހުންނަށް ފައިސާ ދީ ހަދައިގެން އަޅުގަނޑުމެންގެ ވޯޓުތައް އަނބުރާން މަސައްކަތް ކޮށް އެތައް ވޯޓެއް އަނބުރައިލި. ދިވެހިރާއްޖެ އަށް މަސްތުވާ ތަކެތި އެތެރެކޮށް ވިއްކުމުގެ ކުށުގައި ބޮޑެތި އަދަބު އައިސް ތިބި މީހުން ވޯޓު ލީ ދުވަހު އަޅުގަނޑުގެ އަޚް އަބްދުﷲ ޔާމީންގެ ތޮފި އަޅައިލައިގެން ސްކޫލްތަކުގެ ކައިރީގައި އެނބުރުނު،" ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީންގެ އަތުގައި ރިޔާސީ ޓިކެޓް އޮތް ނަމަވެސް ގައުމިއްޔަތު ހިފައިގެން ނޫން ގޮތަކަށް ކުރިއަށް ވަޑައިގަންނަވާ ނަމަ އޭނާއާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.
ޕްރައިމަރީގެ ނަތީޖާގައި "އޮޅުވައިލުންތަކެއް" ހުރި ކަމަށް ބުނެ، އުމަރު މިރޭ ވާހަކަފުޅު ދައްކަވައިފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާ އެކު ބަލި ގަބޫލު ކުރައްވައި، ޔާމީނަށް މަރުހަބާ ދެންނެވުމަށް ފަހު އެވެ. ބަލި ގަބޫލު ކުރައްވައި ޔާމީނާ ބައްދަލު ކުރެއްވުމަށް އުމަރު ޕީޕީއެމްގެ އޮފީހަށް ވެސް ވަޑައިގެންނެވި އެވެ. ނަމަވެސް ޔާމީނު އޮފީހުގައި ނޫޅުއްވާތީ ޔާމީނަށް އެސްއެމްއެސްއަކުން އުމަރު މަރުހަބާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓް، 63 ޕަސެންޓްގެ އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
އެ އިންތިހާބުގައި ވޯޓުދިން 20795 މީހުންގެ ތެރެއިން 13،096 މީހުން ޔާމީނަށް ވޯޓު ދިނެވެ. އެއީ ވޯޓު ދިން މީހުންގެ 62.97 ޕަސެންޓެވެ. އުމަރު ނަސީރަށް ލިބިވަޑައިގަތީ 7450 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 35.82 ޕަސެންޓެވެ.