ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ގޮތަށް އަމަލު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާފައިވާކަން ސުޕްރީމް ކޯޓުން މަޖިލީހަށް އަދި އަންގާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ވެސް މެންބަރު އަހްމަދު ނާޒިމު މިހެން ވިދާޅުވީ، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނެންގެވި ބައެއް މެންބަރުންނަށް ޖަވާބު ދެއްވަމުންނެވެ.
‹މީޑިޔާގައި އެފަދަ ވާހަކަތަކެއް ފެތުރިގެން ދިޔަ ނަމަވެސް މަޖިލީހުގެ ފަރާތުން އެކަމާމެދު އަޅަން ޖެހޭ ފިޔަވަޅެއް ނޯންނާނެ›
ޖަލްސާގެ ވަކި ހިސާބަކުން ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި ގެމެނަފުށީ ދާއިރާގެ އިލްހާމް އަހްމަދާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސެއިން މަނިކު ނިޒާމީ މައްސަލަ ނަންގަވައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ކޯޓްގައި އޮތް މައްސަލައަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އޮންނަ މައްސަލައެއް ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޯޓަށް ބަލައިގެންފައި ވުމަކީ ބޮޑު މައްސަލައެއް ކަމަށާއި އެއީ ނިޒާމީ ބޮޑު މައްސަލައެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ. އަދި އެމެންބަރުން ނެންގެވީ ނިޒާމީ މައްސަލައެއްނޫން ކަމަށް ރިޔާސަތުން މަޖިލީހުގައ ނާއިބު ރައީސް ޖަވާބު ދެއްވުމުން އެ މެންބަރުން ވަނީ އަޑުގަދަކުރައްވައި އިހުތިޖާޖު ކުރައްވައިފަ އެވެ. އެކަމުގެ ސަބަބުން ޖަލްސާ ކުރިއަށް ގެންދެވުމަށް ދަތިތައް ކުރިމަތިވުމުގެ ސަބަބުން ރިޔާސަތުން އެ މެންބަރުންނަށް އިންޒާރު ދެއްވި އެވެ. އަދި އެ މައްސަލަ އެއްވެސް ފަރާތަކުން ކޯޓަށް ހުށަހަޅާފައިވާކަން މަޖިލީހަށް އަންގާފައި ނުވާކަމަށާއި މީޑިޔާގައި އެފަދަ ވާހަކަތަކެއް ފެތުރިގެން ދިޔަ ނަމަވެސް މަޖިލީހުގެ ފަރާތުން އެކަމާމެދު އަޅަން ޖެހޭ ފިޔަވަޅެއް ނޯންނާނެކަމަށް ވިދާޅުވެ އެ މެންބަރުންނަށް ޖަވާބު ދެއްވުމުން އަޑުގަދަކުރުން ހުއްޓާލައި މަޖިލިސް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ގޮތަށް އަމަލު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އިއްޔެ ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައިފަ އެވެ.
ބަންޑަރާނަ ނައިބުގެ އޮފީހުން ހުށަހެޅި މި މައްސަލައިގެ ދައުވާގައި ބުނަނީ މާޗު2، 2010ން ފެށިގެން ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުން އަންނަ "ރައްޔިތުންގެ މަޖިލީހުގެ ގަވައިދަ"ކީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގެ މަތިން މަޖިލިސް ހިންގުމަށް ބޭނުންވާ އެންމެހާ ގަވައިދުތަކާއި އުސޫލުތައް ބަޔާންކުރާ ގަވައިދު ކަމަށްވާ އިރު ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމާ ބެހޭ ގޮތުން ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ށ) އާއި (ރ) ގައި ބުނެފައިވާ ގޮތުގެ މަތިން ގާނޫނު އަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް "ރައްޔިތުންގެ މަޖިލީހުގެ ގަވައިދު" ގެ 171 (ވ) އިން އިތުރު ކަންކަން ހިމަނާފައި އޮތުމުން ގާނޫނު އަސާސީގައި ބުނާ މާއްދާތަކުގެ ބާރު ކެނޑިގެންދާ ކަމަށެވެ.
މި ދައުވާގައި ސަރުކާރުން ބުނެފައި ވަނީ މަޖިލީހުގެ ގަވައިދުގެ އެ މާއްދާތަކާ ބެހޭ ގޮތުން އޯގަސްޓ23، ގައި ދައުވާ ކޮށްފައިވާނެ ކަމަށާއި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމެއް ކުރުމުގެ ކުރިން އެ ދައުވާގައިވާ މައުލޫއީ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުންދާތީ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުން އަމަލު ކުރަމުންދާ ގޮތްތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެދޭ ކަމަށެވެ.
އަމުރަކަށް އެދި ކޮށްފައިވާ ދައުވާގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ފައިސަލާ ކުރުވަނިވި ހުކުމެއް ކުރުމުގެ ކުރިން އެ މައްސަލައާ ގުޅޭ ކަންކަމަށް އަސަރު ފޯރާފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ސިފައެއްގައި އެއްވެސް ކަމެއް ކުރުމަކީ ދުސްތޫރީ ރީތި އުސޫލުތަކާއި ގާނޫނީ ހަމަތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއް ގޮތެއް ކަމަކަށް ބަންޑާރަ ނައިބުގެ އޮފީހުން ނުދެކޭ ކަމަށެވެ.
މިއީ މިބާވަތުގެ ވަގުތީ އަމުރެއް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރެދެއްވުމަށް ބަންޑާރަނައިބުގެ ފަރާތުން ކޯޓެއްގައި އެދުނު ފުރަތަމަ ފަހަރެވެ.