މައުމޫނު އުޅުއްވަނީ އާއިލީ ވެރިކަމެއް ގާއިމު ކުރައްވާކަށް ނޫން: އުމަރު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އުޅުއްވަނީ އާއިލީ ވެރިކަމެއް ގާއިމު ކުރައްވާން ނޫން ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޑިމޮކްރަސީ ގާއިމު ކުރައްވާން ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ޕީޕީއެމް ޕްރައިމަރީއަށް ކެމްޕޭން ކުރުމުގެ ގޮތުން ރޭ އާޓިފިޝަލް ބީޗް ސަރައްދުގައި ބޭއްވި ޖަލްސާގައި އުމަރު ވަނީ އޭނާއާ ވާދަކުރައްވާ ޔާމީނަކީ މައުމޫނުގެ ކޮއްކޯފުޅަށް ވުމަކުން މައުމޫނު ޔާމީނަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީގައި ހުންނެވުމަށް ފަހު ޑީއާރުޕީގެ ލީޑަޝިޕް އަހްމަދު ތަސްމީނާ ހަވާލު ކުރެއްވުމަކީ ވެސް ކޮއްކޯފުޅު ވެގެން ވަކި ބޭފުޅަކަށް ތާއީދު ނުކުރައްވާނެ ކަމުގެ ހެތްކެއް ކަމަށެވެ.

"ރައީސް މައުމޫނު އުޅުއްވަނީ ދިވެހި ރާއްޖޭގައި ޑޮމޮކުރަސީ ގާއިމު ކުރައްވަން. މައުމޫނު އުޅުއްވަނީ އާއިލީ ވެރިކަމެއް ގާއިމުކުރައްވާކަށްނޫން. ޑީއާރުޕީގެ ޓިކެޓް ތަސްމީނަށް ދެއްވުމުން އަޅުގަނޑުމެނަށް އެކަން އެނގިގެން ހިނގައްޖެ. " އުމަރު ވިދާޅުވި އެވެ.

މައުމޫނު ތާއިދު ކުރައްވަނީ ޔާމީނަށް ކަމަށް ޔާމީންގެ ޓީމުގެ ގިނަ ބަޔަކު ބުނަމުންދާ ކަމަށާއި އެއީ އެމަނިކުފާނުގެ އިސްތަޅިފުޅުގައި އަޅުއްވާ އިލްޒާމެއް ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

"ރައީސް މައުމޫނު ތާއިދު ކުރައްވަނީ ޔާމީނަށް ކަމަށް ޔާމިންގެ ކޭމްޕްގެ ވަރަށް ގިނަ ބޭފުޅުން ވިދާޅުވަމުން އެބަ ގެންދަވާ. އަޅުގަނޑު ދަންނަވާނީ މިއީ ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވާ ވަރަށް ބޮޑު އިލްޒާމެކޭ. ރައީސް މައުމޫނު ވަނީ އެމަނިކުފާނު އެއްވެސް ބޭފުޅަކަށް ތާއިދު ނުކުރައްވާނެ ކަމަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު ވިދާޅުވެފައި،" އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރު ވަނީ އޭނާއާ ވާދަކުރައްވާ އަބްދުﷲ ޔާމިނަށް ބަހުގެ ހޫނު ހަމަލާތައް ދެއްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މައުމޫނުގެ ކޮއްކޯފުޅަށް ވީތީ ޔާމިނަށް ވޯޓުދޭން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އަދި މައުމޫނުގެ ކޮއްކޮފުޅަށް ވީތީ ކަމަށް ބުނެ ވޯޓު ދިނުމަށް ޔާމީން ކެމްޕޭން ކުރައްވަމުން ގެންދަނީ އިންތިހާބުގައި ބަލިވެވަޑައިގަންނަވާނެކަން ޔަގީންވެވަޑައިގަތުމުން ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

"ހުރިހާ ހަތިޔާރެއް އެއްކޮން ހުސްވެ ދައްކާނެ ހުރިހާ ވާހަކައެއް ނެތުނީމާ ދެން މި ދައްކާ ވާހަކައަކީ ކޮއްކޮއަށް ވޯޓްދޭށޭ. އަޅުގަނޑު ދަންނަވާނީ ތިއަށްވުރެ ރަނގަޅު ވާހަކައެއް ދައްކަވާށޭ. ކޮންމެވެސް އޮއްޓަރެއް ހުރި ބުރަދަނެއް ހުރި ވާހަކައެއް ހިއްޕަވައިގެން އަޅުގަނޑާ ހިސާބަށް ވަޑައިގަންނަވާށޭ،"
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު