އިންތިޚާބެއްގައި މޮޅުވުމުގެ ނަސީބު ލިބޭނީ އެކަކަށް: މައުމޫން

ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވުމުގެ ފުރުސަތު ލެބޭ ފަރާތަކާއި އެ ނަސީބު ނުލިބޭ ފަރާތެއް ވާނެ ކަމަށާއި ނަމަވެސް ޑިމޮކްރެސީގެ އެންމެ ބޮޑު ޓެސްޓަކީ އިންތިޚާބު ނިމުމަށްފަހުގައި ވެސް އެންމެން އެކަތިގަނޑެއްގެ ގޮތުގައި ބައިބައިނުވެ ތިބުން ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ދިޓީވީ މެދުވެރި ކުރައްވައި ޕީޕީއެމްގެ މެންބަރުންނާ މުޚާތަބު ކުރައްވައި މައުމޫން ދެއްވި ޚިތާބެއްގައި ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ ކުރިއަށް ދަނީ ވަރަށް ވާދަވެރި ގޮތެއްގައި ކަމަށެވެ. އަދި އެއީ ޑިމޮކްރެސީއެއްގައި އެކަން ހިނގާނެ ގޮތް ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ވާދަވެރިކަމުގެ ތެރޭގައި ހިތްހަމަނުޖެހޭ ބައެއް ކަންތައްތައް ފެނިގެން ދިޔަ ނަމަވެސް އިންތިޚާބުގެ ކަންތައްތައް ހިނގަމުންދަނީ އަދި ހިނގަމުން ދާނީ ވެސް ވަރަށް ރަނގަޅަށް ކަމަށް އެމަނިކުފާނު ގަބޫލް ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރިޔާސީ ޕްރައިމަރީ ވެގެން މިދަނީ ވަރަށް ވާދަވެރި އިންތިޚާބަކަށް. އެއީ ޑިމޮކްރެސީގައި އެކަން ހިނގާނެ ވެސް ގޮތް. މިދެންނެވި ވާދަވެރި ކަމުގެ ތެރޭގައި، އަޅުގަނޑުމެން ހިތްހަމަނުޖެހޭ ފަދަ ބައެއް ކަންތައްތައް ހިސާބަކަށް ފެނިގެން ދިޔަ ނަމަވެސް ޖުމްލަ ގޮތެއްގައި މި އިންތިޚާބު ހިނގަމުންދަނީ އަދި ދާނީ ވެސް ވަރަށް ރަނގަޅަށް ކަމަށް އަޅުގަނޑު ގަބޫލް ކުރަން. ކޮންމެ އިންތިޚާބެއްގައި ވެސް މޮޅު ވުމުގެ ނަސީބު ލިބޭ ފަރާތަކާއި އެ ނަސީބު ނުލިބޭ ފަރާތެއް ވާނެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ކެނޑިޑޭޓަކާއެކުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ޕީޕީއެމްގެ ހުރިހާ ބެމްބަރުންނަށް ދެއްވާ ކަމަށެވެ. އަދި ދެ ކެނޑިޑޭޓުން ވެސް އެ ދެ ކެނޑިޑޭޓުންނަށް ތާއީދު ކުރާ ހުރިހާ މެމްބަރުން ވެސް އަތާއި އަތް ގުޅާލައިގެން އެމަނިކުފާނާ އެކު އެ މަސައްކަތުގައި އިޚްލާސްތެރިކަމާ އެކު ބައިވެރިވުމަކީ އެ މަނިކުފާނުގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.

"....ދެ ކެނޑިޑޭޓުންނާއި އެ ދެ ބޭފުޅުންނަށް ތާއީދު ކުރައްވާ ހުރިހާ މެމްބަރުން ވެސް އެންމެން އަތާއި އަތް ގުޅާލައްވައިގެން އަޅުގަނޑާއެކު މި މަސައްކަތުގައި އިޚްލާސްތެރިކަމާއި ސާބިތުކަމާ އެކު ބައިވެރިވެވަޑައިގެން ދެއްވުން އަޅުގަނޑު ނިހާޔަތަށް އެދެން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޕްރައިމަރީގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުންނަކީ ވެސް އެ ޕާޓީގެ ވަރަށް އިސް އަދި ޕާޓީ އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އިޚާލާސްތެރި ދެ ބޭފުޅުން ކަމަށެވެ. އެހެން ކަމުން އެ ދެ ކެންޑިޑޭޓުންނާއި އަދި އެ ދެ ބޭފުޅުންނަށް ތާއީދު ކުރާ ފަރާތް ތަކުން ވެސް ޕާޓީ ތެރޭގެ މަސްލަހަތު ނުގެއްލޭ ގޮތަށް ނުވަތަ ޕާޓީގެ އެއްބައިވަންތަކަމަށް ބުރޫ އަރާ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މައުމޫން ވިދާޅުވީ އެ ޕްރައިމަރީ ވެގެންދާނީ މިހާ ތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ އިންސާފުވެރި އެންމެ ހާމަކަން ބޮޑު އަދި އެންމެ ޑިމޮކްރެޓިކް ޕްރައިމަރީ އަށް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު