ހިޔާލުހޯދުމުގެ ވޯޓުގައި މީހުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްފައި ނުވާ ކަމަށް ބުނެ އަދާލަތުގެ ރައީސް ދެއްކެވި ވާހަކަ އިލެކްޝަންސުން ކުށްވެރިކޮށްފި

ރަށްތައް ގުޅުވައިލުމަށް ނެނގި ހިޔާލު ހޯދުމުގެ ވޯޓްގައި އެހާ މަދު ބަޔަކު ބައިވެރިވެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް އާއްމު ހޭލުންތެރިކުރެވިފައިނުވާތީ ކަމަށާއި އެކަމުގައި އެކޮމިޝަނުން ޒިންމާވާން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝެއިހް ހުސެއިން ރަޝީދު އަހުމަދު ވިދާޅުވެފައިވާތީ އިލެކްޝަންސް ކޮމިޝަނުން އެކަން ކުށްވެރިކޮށްފި އެވެ.


ހުސެއިން ރަޝީދުގެ އެ ވާހަކަތައް ކުށްވެރިކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީން ބޭއްވި ޖަލްސާއެއްގައި އެކޮމިޝަން ކުށްވެރިކުރައްވައި އަދި ބަދުނާމް ކުރައްވައި އަދާލަތު ޕާޓީގެ ރައީސް ދެއްކެވީ ޙަޤީޤަތެއްނެތް ވާހަކަތަކެއް ކަމަށާއި އެކަން އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.


އިންތިހާބެއްގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ގޮތަކަށް ތާއީދުކުރާ ބަޔަކަށް ފާއިދާކުރާނެ ގޮތަށް އަމަލްކުރުމާއި ފެންނަ ނުފެންނަ ވޯޓްތަކުގައި އެކަމަކުން ރައްޔިތުންނަށް ހުރި ފައިދާ ނުވަތަ ގެއްލުން އަންގައިދިނުމަކީ އެ ކޮމިޝަންގެ މަޝްއޫލިއްޔަތެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރުމަކީ އެކޮމިޝަންގެ މުސްތަޤިއްލުކަމާ ތަޢާރުސުވާނޭ ކަމަކަށް ވުމުގެ އިތުރުން ޤާނޫނާ ހިލާފުވާނޭ ކަމެއް ކަމަށް ވެސް އެ ކޮމިޝަންގެ ނޫސްބަޔާނުގައިވެ އެވެ.


ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވާ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު އެފަދަ ކަމެއްގައި ދެކޮޅު އޮތްގޮތާއި އެކަމުގެ ފައިދާއާއި ގެއްލުން ބުނެދީ ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ދައުލަތުގެ ކޮން މުއައްސަސާއެއްގެ ޒިންމާއެއްކަން އޮޅުން ނުފިލާ ހާލު، އަދި އޮޅުން ފިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށްތިބެ، ސިޔާސީ އިސްބޭފުޅުން ހިންގަވާ އެފަދަ ޒިއްމާދާރުކަން ކުޑަ އަމަލްތަކުގެ ސަބަބުން ދައުލަތާއި ދައުލަތުގެ މުއައްސަސާތަކަށް ކުރަން ޖެހޭ އިތުބާރާއި ޤަދަރާއި އިހްތިރާމް ގެއްލިގެން ދާކަމީ ހިތާމަ ކުރާ ކަމެއް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަންގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.


ކާނިވަލްގައި އަދާލަތު ޕާޓީން ބޭއްވި އެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ހުސެއިން ރަޝީދު ވިދާޅުވީ، ނިމިގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުނެގުން ދިޔައީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެވޯޓު ނަގާފައި ވަނީ، އެއީ ކޮންކަމެއްކަން ރައްޔިތުންނަށް ނާންގައި ބައިތިއްބައިގެން ކަމަށާއި ރައްޔިތުން ހޭލުންތެރި ނުކުރުވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްކީ ހަމައެކަނި ވޯޓުނެގުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމާ މެދު ރައްޔިތުން ހޭލުންތެރި ކުރުވަން ޖެހޭނެ ކަމަށް ވެސް ހޯމް މިނިސްޓަރގެ ނާއިބު ކަމާއި، ކުރީ ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޓީގައި ވެސް ހިމެނި ވަޑައިގަންނަވާ ހުސެއިން ރަޝީދު ވިދާޅުވި އެވެ.


އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރި ދާއިމީ ނަތީޖާ ދައްކާ ގޮތުން މި މަހުގެ 9 ވަނަ ދުވަހު ބޭއްވި، އިދާރީ ގޮތުން ރަށްތައް ގުޅާލުމުގެ ހިޔާލުހޯދުމުގެ ވޯޓުގައި 88،882 މީހުންނަށް ވޯޓް ލުމުގެ ހައްގު ލޮބިފައިވާ އިރު، އެ ވޯޓުގައި ބައިވެރިވެފައި ވަނީ 26،676 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 30 ޕަސެންޓް މީހުންނެވެ.


އިދާރީ ގޮތުން ރަށްތައް ގުޅާލުމުގައި ރައްޔިތުންގެ ރުހުން އޮތްގޮތް ބެލުމަށް ސަރުކާރުން ނެގި ވޯޓުގެ 62 އިންސައްތަ މީހުން ރަށްތައް އެއްކޮށްލަން ނުފެންނަ ކަމަށް ވޯޓް ދީފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ދާއިމީ ނަތީޖާ އިން ދައްކަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު