ރާބިތަތުލް އާލަމިލް އިސްލާމީން، މައުމޫނު ފައުންޑޭޝަނަށް ހަދިޔާކުރި މުސްހަފްތައް ރާއްޖޭގައި ހިންގާ ގުރުއާން ކުލާސްތަކަށް ހަދިޔާކުރުމަށް އެ ފައުންޑޭޝަނުން ނިންމައިފި އެވެ.
މައުމޫން ފައުންޑޭޝަންގެ ހިންގާ ކޮމިޓީން މިއަދު ބުނީ އެ މުސްހަފްތައް ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ނިޔަލަށް ކަމަށާއި އެކަމަށް އެދި ނަން ނޯޓްކުރަން ބޭނުންވާ ގުރުއާން ކުލާސްތަކުން ހެންވޭރު ފުލިދޫގޭގައި ހުންނަ މައުމޫނު ފައުންޑޭޝަންގެ އިދާރީ އޮފީހަށް ގުޅުމުން ހަމަޖެހޭނެ ކަމަށެވެ.
ނަމަވެސް އެއީ ކިހާ މުސްހަފްތަކެއް ކަމެއް އެ ފައުންޑޭޝަނަކުން ނުބުނެ އެވެ.
މައުމޫނު ފައުންޑޭޝަނަކީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ހިލޭސާބަހަށް މަސައްކަތްކުރުމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމުގެ މުއައްސިސްކަމުގެ ދަށުން ހިންގާ އަމިއްލަ ޖަމްއިއްޔާއެކެވެ. ފައުންޑޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯތްބާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން ހިމެނެ އެވެ.