ރައްޔިތުންގެ މަޖިލިސް: އޮޑިޓާ ޖެނެރަލް ކަމަށް އަލީ ރަޝީދު އުމަރު އައްޔަން ކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އޮޑިޓާ ޖެނެރަލަކަށް އަލީ ރަޝީދު އުމަރު ހަމަޖެއްސުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވެސް އެޖެންޑާކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ވޭތުވެދިޔަ ދެ ޖަލްސާ ހުއްޓާލަންޖެހުނީ ވެސް އަލީ ރަޝީދު އޮޑިޓާ ޖެނެރަލް ކަމަށް އައްޔަން ކުރުމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގަ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރެއިން، ކޮމިޓީން ހުށަހަޅާ ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާކޮށްފައި ވަނީ، އޮޑިޓާ ޖެނެރަލަކަށް ހުށަހަޅާފައިވާ އަލީ ރަޝީދު އުމަރާ ބެހޭ ރިޕޯޓް މާލިއްޔަތު ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.


މީގ އިތުރުން ސަލާމަތީ ހިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ވުމަށް، ސަލާމަތީ ބާރުތަކަށް މަޖިލީހުން އަންގާ އެންގުންތަކާ އެއްގޮތަށް ހާޒިރުވެވަޑައި ނުގަންނަވާ މައްސަލައަށް ގޮތެއް ނިންމަވާ ދެއްވުމަށް އެދި އެ ކޮމިޓީން މަޖިލީހަށް ހުށަހަޅާ ރިޕޯޓް ހުށަހެޅުއްވުމަށް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.


ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށް ފަހު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުން ވެސް މާދަމާގެ ޖަލްސާއަށް އެންޑާކޮށްފައި ވެއެވެ.


މަޖިލީހުގެ ޖަލްސާގައި އޮޑިޓާ ޖެނެރަލަކަށް ހުށަހަޅާފައިވާ އަލީ ރަޝީދު އުމަރާ ބެހޭ ކޮމެޓީ ރިޕޯޓް ހުށަހަޅަން ފެށުމުން އެ ރިޕޯޓަށް އެމްޑީޕީގެ މެންބަރުން ދެކޮޅުހަދައި، އަޑުގަ ދަކޮށް ޖަލްސާގެ ނިޒާމް ގެއްލުވައި ލުމުގެ ސަބަބުން ކުރިއަށް ނުގެންދެވިގެން މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ޖަލްސާތައް ވަނީ ހުއްޓާލައިފަ އެވެ.


އެ ރިޕޯޓާ ގުޅިގެން ޖަލްސާތަކުގައި މެންބަރުން ވިދާޅުވަމުން ގެންދެވީ، މާލިއްޔަތު ކޮމިޓީގެ ރިޕޯޓް އޮތީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ ރިޕޯޓާބެހޭ މައްސަލަ ބެލުމަށް އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށް އެ ރިޕޯޓްގެ މައްސަލަ އެޖެންޑާ ކޮށްގެން ނުވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.


އަލީ ރަޝީދުގެ މައްސަލައަކީ، ކޮމިޓީގައި އަލުން ބަހުސް ކުރުމަށް ހަމަޖައްސާފައިވާ މައްސަލައެއް ކަމަށާއި، ކޮމިޓީގެ ޔައުމިއްޔާއިން ވެސް އެކަން އެނގޭއިރު އެ މައްސަލަ ކޮމިޓީގައި ބަހުސް ނުކޮށް މަޖިލީހުގެ ތަޅުމަށް ގެނައުމަކީ ގަވާއިދާ ހިލާފަށް ކޮފައިވާކަމެއް ކަމަށް ވެސް ވިދާޅުވަމުން ގޮސްފައިވެއެވެ.


އެ މައްސަލައިގައި އެމްޑީޕީން އެދިފައިވާ ފަދައިން އެ މައްސަލަ ހިނގާފައިގޮތް ބައްލަވާނެ ކަމަށާއި އަލީ ރަޝީދުގެ މައްސަލަ ބޭއްވުމަށްފަހު އެހެން މައްސަލަތައް ކުރިއަށް ގެންދެވުމުމުގެ ފުރުސަތު ދެއްވުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެދިވަޑައިގެންނެވި ނަމަވެސް އެ ޖަލްސާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު މެންބަރުން ވަނީ ނުދެއްވައިފަ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ، އޮޑިޓަރ ޖެނެރަލްކަމަށް އަލީ ރަޝީދު ހަމަޖެއްސެވުމާބެހޭ ރިޕޯޓް ހުށަހަޅުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ، އެ މައްސަލަ ބެއްލެވުމަށްފަހު އެކަން އެޖެންޑާ ކުރެއްވުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އަންގަވައިގެން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު