ގަވައިދާމެދު ގޮތެއް ނުނިންމަނީސް ވަޒީރުންނަށް ރުހުން ދޭން މަޖިލީހުން އެއްވެސް ކަމެއް ނުކުރަން އަމުރު ކޮށްދިނުމަށް ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ވަޒިރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ގައިދުގެ ބަޔާންކުރާ ގޮތަށް އަމަލު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.


ބަންޑަރާނަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި މި މައްސަލައިގެ ދައުވާގައި ބުނަނީ  މާޗު2، 2010ން ފެށިގެން ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުން އަންނަ "ރައްޔިތުންގެ މަޖިލީހުގެ ގަވައިދަ"ކީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގެ މަތިން މަޖިލިސް ހިންގުމަށް ބޭނުންވާ އެންމެހާ ގަވައިދުތަކާއި އުސޫލުތައް ބަޔާންކުރާ ގަވައިދު ކަމަށްވާއިރު ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމާބެހޭ ގޮތުން ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ށ) އާއި (ރ) ގައި ބުނެފައިވާ  ގޮތުގެ މަތިން ގާނޫނު އަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް "ރައްޔިތުންގެ މަޖިލީހުގެ ގަވައިދު" ގެ 171 (ވ) އިން އިތުރު ކަންކަން ހިމަނާފައި އޮތުމުން ގާނޫނު އަސާސީގައި ބުނާ މާއްދާތަކުގެ ބާރު ކެނޑިގެންދާ ކަމަށެވެ.


މި ދައުވާގައި ސަރުކާރުން ބުނެފައި ވަނީ މަޖިލީހުގެ ގަވައިދުގެ އެ މާއްދާތަކާ ބެހޭ ގޮތުން އޯގަސްޓ23، ގައި ދައުވާ ކޮށްފައިވާނެ ކަމަށާއި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމެއް ކުރުމުގެ ކުރިން އެ ދައުވާގައިވާ މއުލޫއީ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުންދާތީ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުން އަމަލު ކުރަމުންދާ ގޮތްތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެދޭ ކަމަށެވެ.


އަމުރަކަށް އެދި ކޮށްފައިވާ ދައުވާގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ފައިސަލާ ކުރުވަނިވި ހުކުމެއް ކުރުމުގެ ކުރިން އެ މައްސަލައާ ގުޅޭ ކަންކަމަށް އަސަރު ފޯރާފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ސިފައެއްގައި އެއްވެސް ކަމެއް ކުރުމަކީ ދުސްތޫރީ ރީތި އުސޫލުތަކާއި ގާނޫނީ ހަމަތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއް ގޮތެއް ކަމަކަށް ބަންޑާރަ ނައިބުގެ އޮފީހުން ނުދެކޭ ކަމަށެވެ.


މިއީ މިބާވަތުގެ ވަގުތީ އަމުރެއް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރެދެއްވުމަށް ދިވެހި ދައުލަތުގެ ފަރާތުން ކޯޓެއްގައި އެދުނު ފުރަތަމަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު