ކަރަންޓް އުފެއްދުމުގެ މަސައްކަތް ހުއްދަ ނެތި ނުކުރުމަށް އެނާޖީ އޮތޯރިޓީ އެދެފި

ރާއްޖޭގައި ކަރަންޓް އުފައްދާ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ނިޒާމްތައް ގާއިމް ކުރުމުގެ ކުރިން ނަގަންޖެހޭ ހުއްދަތައް ނުގައި އެ މަސައްކަތް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ މަސައްކަތް ކުރުމުގެ ކުރިން ނަގަންޖެހޭ ހުއްދަތައް ނެގުމަށް މޯލްޑިވްސް އެނާޖީ އޮތޯރިޓީން އެދިއްޖެ އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކަރަންޓް އުފެއްދުމަށާއި ކަރަންޓްގެ ހިދުމަތް ދިނުމަށް ގާއިމް ކުރުމާ ބެހޭ އަމަލީ މަސައްކަތްތައް ކުރުމަށް ބައެއް ފަރާތްތަކުން ޕްލޭން ކުރަމުން ގެންދާ ކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ. އަދި ކަަރަންޓް އުފައްދާ ނިޒާމެއް ވިޔަސް އަދި އާއްމުކޮށް ކަރަންޓް ދޫކުރާ ނިޒާމެއް ވިޔަސް ނަގަންޖެހޭ ހުއްދަތައް ނެގުމަށް ފަހު އެ ނިޒާމްތަކާ ބެހޭ އަމަލީ މަސައްކަތް ކުރުމަކީ ފަހުން ލިބިދާނެ ގެއްލުންތަކަކުން ބަރީއަވެ، އެކަމަށް ކުރާ އިންވެސްޓްމަންޓް ބޭކާރުވިޔަ ނުދިނުމަށް އެޅޭނެ ހަރުދަނާ ވިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އާންމު ބޭނުންތަކާ ބެހޭ ގާނޫނު އާއި އެ އޮތޯރިޓީއަށް ލިބިގެންވާ ބާރުގެ ދަށުން ހަދާފައިވާ "މާލެ އާއި ރާއްޖެތެރޭގައި އާއްމުކޮށް އިލެކްޓްރިކް ކަރަންޓް ދިނުމުގެ ގަވާއިދު" ގެ ދަށުން ސަރުކާރުގެ ފަރާތުން ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތްތަކުން ނުވަތަ އަމިއްލަ ފަރާތްތަކުން ވިޔަސް ކަރަންޓް އުފައްދާ ފޯރުކޮށްދޭ ނިޒާމެއް ގާއިމްކުރަން ނުވަތަ އެފަދަ ނިޒާމަކަށް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެކަމަކާ ބެހޭ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން އެ ނިޒާމެއްގެ ޑިޒައިން ފާސް ކުރަން ޖެހޭ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މީގެ އިތުރުން އާއްމުކޮށް ކަރަންޓް ހިދުމަތްދޭ ނިޒާމެއްނަމަ ޑިޒައިންގެ އިތުރުން އެ ފަދަ ނިޒާމަކުން ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތަށް ނަގަން ގަސްދުކުރާ އަގާއި އާއްމުކޮށް ހިދުމަތްދިނުމުގެ ގަވާއިދު ވެސް ފާސް ކުރަންޖެހެ އެވެ. އަދި އެ އުސޫލުން ދޭންޖެހޭ ހުއްދައެއް ދިނުމުގައި ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން އެ ހިދުމަތް ދިނުމުގައި އަމަލު ކުރާ ސިޔާސަތުތަކަށް ރިއާޔަތް ކުރާނެ އެ އޮތޯރިޓީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު