ގދ. އަތޮޅު މަދަރުސާގެ ދޮރުގައި ތަޅުއަޅުވައި ބަންދުކުރުމަށް ފަހު ބެލެނިވެރިންތަކެއް ކުރަމުން ގެންދިޔަ އިހުތިޖާޖް ފަސް ދުވަސް ފަހުން ހުއްޓާލައިފި އެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން މިއަދު ވިދާޅުވީ ބެލެނިވެރިންތައް ނުކުމެ މި މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފެށި އިހުތިޖާޖް މިދިޔަ ބުރާސްފަތި ދުވަހު ހުއްޓާލައިފައިވާ ކަމަށެވެ. ބެލެނިވެރިންގެ އިހުތިޖާޖް ކުރުން ހުއްޓާލީ އެމީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަކީ ކޮބައިތޯ ބަލައި އެކަންތައްތައް އިސްލާހުކޮށްދޭނެ ކަމަށް އެޑިއުކޭޝަނުން އެރަށަށް ފޮނުވި ޓީމުން ބުނުމާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޒާން ވިދާޅުވީ ބެލެނިވެރިން އެންމެ ފުރަތަމަ އިހުތިޖާޖް ކުރަން ފެށީ އެ ރަށު ސްކޫލްގައި ހުރި ސެކަންޑަރީ އިނގިރޭސި ޓީޗަރަކު އެހެން ރަށަކަށް ބަދަލު ކުރުމަށް ފަހު އޭނާގެ ބަދަލުގައި ޓީޗަރަކު ހަމަޖައްސައި ނުދީގެން ކަމަށެވެ. ނަމަވެސް އިހުތިޖާޖަށް ދެ ވަނަ އަށްވީ ދުވަހު އެޑިއުކޭޝަނުން އިނގިރޭސި ޓީޗަރަކު ފޮނުވައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެރަށުން އެހެން ރަށަކަށް ދިޔަ އިނގިރޭސި ޓީޗަރެއްގެ ބަދަލުގައި ބެލެނިވެރިން ބޭނުންވީ އިނގިރޭސި އެހެން ޓީޗަރެއް. އިހުތިޖާޖް ކުރަމުންދާތާ ދެވަނައަށްވީ ދުވަހު އެޑިއުކޭޝަނުން ވަނީ އިނގިރޭސި ޓީޗަރަކު ފޮނުވާދީފައި، އޭގެ އިތުރުން ބެލެނިވެރިންގެ ޝަކުވާތައް އަޑު އަހާ މެނޭޖްމަންޓްގެ ހުރި ބައެއް ކަންތައްތައް ފާހަގަކޮށް އެކަންތައްތައް ހައްލުކޮށް ދިނުމާ ބެހޭ ގޮތުން ވެސް އެޑިއުކޭޝަނުން އައި ޓީމުން ވަނީ ކިޔާދީފައި،" ރިޒާން ވިދާޅުވި އެވެ.
ގައްދޫގެ ބެލެނިވެރިން ސްކޫލް ބަންދުކޮށްގެން އިހުތިޖާޖް ކުރަމުން ގެންދިޔައީ ސްކޫލް ކައިރީގައި ޑިއުޓީ ބަހައިގެންނެވެ. އެމީހުން އިހުތިޖާޖް ކުރަމުން ގެންދިޔައިރު އެމީހުންގެ ކެއުން ބުއިމުގެ ކަންތައްތައް ވެސް އެސަރަހައްދުގައި ވަނީ ހަމަޖައްސައިފަ އެވެ.