ގެވެށި އަނިޔާގެ ބިލާމެދު ރައްޔިތުން ހޭލުންތެރިކޮށްގެން ނޫނީ އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ރައްކާ ނުކުރެވޭނެ ކަމަށް އެންޖީއޯ ފެޑަރޭޝަނުން ބުނެފި

ގެވެށި އަނިޔާގެ ބިލު ޤާނޫނަކަށް ވެގެން އަންނައިރު ރައްޔިތުން އެ ބިލަށް އަހުލުވެރި ކުރުވުމުން ނޫނީ އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގު ރައްކާތެރިނުކުރެވޭނެ ކަމަށް މޯލްޑިވްސް އެންޖީއޯ ފެޑެރޭޝަންގެ ރައީސާ ފާތިމަތު އާފިޔާ ވިދާޅުވެއްޖެ އެވެ.


ހިއުމަން ރައިޓްސްގެ ރޮނގުން ޕީއެޗްޑީއަށް ކިޔަވައިވިދާޅުވަމުން ގެންދަވާ އާފިޔާ ވިދާޅުވީ، މިހާރު ދިމާވާ އެންމެ ބޮޑު ހުރަހަކީ ހަދާ ބިލުތަކަށާއި ތަފާތު ޤާނޫނުތަކަށް މީހުން އަހުލުވެރިނުވާ މައްސަލަ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގެވެށި އަނިޔާގެ ބިލާމެދު އާއްމުން ހޭލުންތެރިކުރުވުން ވަރަށް ވެސް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.


"ހަމައެކަނި ރައްޔިތުންނެއް ނޫން. ހަމަ އެ (ޤާނޫނު) ތަންފީޒުކުރަން ޖެހޭ އެކިއެކި މުއައްސަސާތަކުން ވެސް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.


ގެވެށި އަނިޔާގެ ބިލު ޚާއްސަކޮށްފައި ވަނީ އަންހެނުންނަށް އެކަނި ނޫން ކަމަށް ވީ ނަމަވެސް، އޭގައި އަންހެނުންގެ ވާހަކަ ބޮޑަށް ލިޔެފައި ވަނީ، ގެވެށި އަނިޔާގެ ޝިކާރައަކަށް ގިނަ އިން އަންހެނުންވާކަން ތަފާސްހިސާބުތަކުންނާއި އެކިއެކި ބައިނަލް އަގްވާމީ ރިޕޯޓުތަކުން ވެސް އެނގެން ހުރުމުން ކަމަށް ކެއާ ސޮސައިޓީގެ ޗެއާޕަސަންގެ މަގާމު ވެސް ފުރުއްވާ އާފިޔާ ވިދާޅުވި އެވެ.


ރާއްޖޭގައި އަނިޔާ ލިބޭ އަންހެނުންނަށް އެކަން ހުއްޓުވޭނެ ގޮތްތަކާ މެދު ހޭލުންތެރިކުރުވަން ޖެހޭކަން ފާހަގަކުރައްވަމުން އާފިޔާ ވިދާޅުވީ، އަނިޔާ ރިޕޯޓުކުރާނެ ގޮތްތަކާއި ހައްގު ރައްކޭތިކުރުމާއި އަދި ލިބޭ އަނިޔާއަށް ފަރުވާ ލިބިގަތުމަށް ކުރަން ޖެހޭ ކަންތައްތަކުގެ މައުލޫމާތު އެމީހުންނަށް އަންގައިދޭން ޖެހޭނެ ކަމަށެވެ.


 

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު