މުރައިދޫން ކަރަންޓު ކެނޑިފައި އޮންނަތާ ހަތް ގަޑިއިރު ވެއްޖެ

ހއ. މުރައިދޫ އަށް ކަރަންޓު ދޫކޮށްފައިވާ ކޭބަލްގެ މައްސަލައެއް ޖެހިގެން އެ ރަށުން ކަރަންޓު ކެނޑިފައިވާތާ ހަތް ގަޑި އިރު ވެއްޖެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މުރައިދޫ ކައުންސިލްގެ ރައީސް އަސްރާރު އަބްދުﷲ "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނު 8:45 ހާއިރު އެ ރަށުން ކަރަންޓު ކެނޑިފައި ވަނީ އެ ރަށަށް ދޫ ކޮށްފައިވާ ތްރީފޭސް ކަރަންޓުގެ ސަޕްލައިގެ ތެރެއިން އެއް ފޭސް އަނދައިގެން ކަމަށެވެ. އަދި މިހާރު އެ ކޭބަލް ބަދަލު ކުރުމުގެ މަސައްކަތް ޓެކްނިކަލް ބޭފުޅުން ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދަކީ ހުކުރު ދުވަހަކަށް ވީމައި އެހާ ހެނދުނުގެ ވަގުތެއްގައި ކަަރަންޓް ކެނޑުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން އެކަމާއި ވަރަށް ކަންބޮޑުވެފައި ތިބި ކަމަށާއި އަދި މިއަދުގެ ހުކުރު ނަމާދު ކުރުމުގައި ވެސް ދަތިތަކާއި ކުރިމަތިވީ ކަމަށެވެ.

އަށްސަތޭކަ އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މުރައިދޫ އަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަނީ އަޕަނޯތް ޔުޓިލިޓީޒް ކުންފުނިން ނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު