އުކުޅަހު ސްކޫލުގެ ދަރިވަރުންތަކެއް "ޖިންނި މޮޔަވެގެން" ސްކޫލް ބަންދުކޮށްފި

އއ. އުކުޅަހު ސްކޫލްގެ ގްރޭޑް 8ގައި ކިޔަވަމުން ގެންދާ އަންހެން ދަރިވަރުންތަކެއް "ޖިންނި މޮޔަވެގެން" ހޭނެތިގެން ވެއްޓުމާ ގުޅިގެން ކަމަށް ބުނެ އެ ސްކޫލްގެ ކިޔެވުން މިއަދު ނިންމާލައިފި އެވެ.

އުކުޅަހު ކައުންސިލްގެ ނާއިބް ރައީސް އަބްދުﷲ ފިރާގު މިއަދު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްކޫލްގެ ތެރޭގައި އެފަދަ ކަންތައްތައް ހިނގަމުން އަންނަތާ ހަފްތާއެއް ހާ ދުވަސް ވެފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު ގަޑީގައި ވެސް ގްރޭޑް އަށެއްގެ ހުރިހާ އަންހެން ކުދިން ކަހަލަ ގޮތަކަށް ހަބަރު ހުސްވެގެން ކްލާސް ތެރެ އަށް ވެއްޓިފައިވާ ކަމަށެވެ. އަދި ސްކޫލް ބަންދުކުރަން ނިންމީ އެކުދިން ވެއްޓޭ މަންޒަރު ފެނުމުން ސްކޫލްގެ އެހެން ކްލާސްތަކުގައި ތިބި ކުދިން ބިރުން ގޮސް ހާސްވެގެން ރޯން ފެށުމާ އެކު ސްކޫލް ތެރޭގައި ބިރުވެރިކަން އުފެދި ބެލެނިވެރިން ވެސް އެކަމާ ހާސްވެ ކަންބޮޑުވުމާ ގުޅިގެން ކަމަށެވެ.

ސްކޫލްގެ އަންހެން ކުދިންތަކެއް ހޭނެތޭ މައްސަލަ ދިމާވާން ފެށުމާ ގުޅިގެން ފަންޑިތަ ހަދާ މީހަކު މީގެ ދެ ދުވަސް ކުރިން އެ ރަށަށް ގެނެސްގެން އުޅޭ ކަމަށާއި ފަންޑިތަ ހަދާ މީހާ އެ ކުދިންނަށް ކިޔެވެލި ކިޔެވީމާ އެ ކުދިން މެދުވެރިކޮށް ޖިންނި ވާހަކަ ދައްކާ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ. އަދި މިހާރު ވެސް ގާތްގަނޑަކަށް ނުވަ ވަރަކަށް ކުދިން އެ މައްސަލަ ދިމާވެގެން ކިޔެވެލި ކިޔަވަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކިޔެވެލި ކިޔެވީމާ އެކުދިން ވާހަކަ ދައްކާ، އެކުދިން ބުނަނީ ގްރޭޑް އަށެއްގެ ދަރިވަރުންނަށް އެހެން ދިމާވަނީ ސްކޫލްގެ ގޯތިތެރޭގައި ހުރި ކަނީރުމާ ގަހަކަށް އަރައި އެގަހުން މާ ބިނދެ، އެގަހުން އޮފި ކަނޑާ ހެދީމައޭ، އެ ގަހަކީ ޖިންނިތައް ވަޒަން ވެރިވެގެން އުޅޭ ތަނެއް ކަމަށާއި އެއެއްޗެއްސަށް ގޯނާ ކުރާތީ ކަމަށް ބުނަނީ، އަދި މިއަދު އެހެން ހެދީ އެކުދިން ޖިންނިއާ ދިމާލަށް މަލާމަތްކޮށް ގޯނާކޮށް ހެދީމައޭ އަޅުގަނޑު ހުއްޓައި ކިޔެވެލި ކިޔެވީމާ ވާހަކަ ދެއްކި ކުއްޖަކު ބުނި،" ފިރާގު ވިދާޅުވި އެވެ.

ސްކޫލްގެ ކިޔެވުން މިއަދު ބަންދުކޮށްފައި ވަނީ ކުދިންގެ ހިތުގައި ބިރުވެރިކަން އުފެދި ސްކޫލްގައި ވެސް ހާސްކަންބޮޑުވެގެން ކަމުގައިވާ އިރު އަލުން ސްކޫލް ހުޅުވުމާ މެދު އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާއި އެ ކުދިންނަށް ދިމާވާ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފަދަ ހާދިސާއެއް 2008 ވަނަ އަހަރު ހދ. މަކުނުދޫ ސްކޫލްގައި ވެސް ވަނީ ހިނގާފަ އެވެ. އެފަހަރު ވެސް އެރަށު ސްކޫލްގެ ދަރިވަރުންތަކެއް ޖިންނި މޮޔަވެގެން ވެއްޓެން ފެށުމާ އެ ރަށުގެ މީހުން ވަނީ އެ ކުދިން ރަގަނޅު ކުރުމަށް ފަންޑިތަ ހަދައިފަ އެވެ. އެ ހާދިސާއާ ވެސް އެ ރަށު ސްކޫލްގައި ހުރި ބޮޑު ބިޔަ ގަހަކާ ގުޅުމެއްވާ ކަމަށް ބުނެ އެގަސް ވަނީ ކަނޑާލައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު