ޔާމީނަކީ މައުނޫންގެ ކޮއްކޯފުޅަކަށް ވުމުން ވޯޓު ލިބޭނެ: އުމަރު

އަބްދުﷲ ޔާމީނަކީ ރައީސް މައުމޫނުގެ ކޮއްކޯފުޅަކަށް ވުމުން މެމްބަރުންގެ ވޯޓު ލިބި ދާނެ ކަމަށާއި ނަމަވެސް ޔާމީން އާއި މައުމޫނާ ދެ ބޭފުޅުންގެ ހުރި ތަފާތު މެމްބަރުން ރަނގަޅަށް ބައްލަވާނެ ކަން ޔަގީން ކުރައްވާ ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ޔާމީނާ ވާދަކުރައްވާ އުމަރު ނަސީރު ވިދާޅު ވެއްޖެ އެވެ.

ރޭ އާޓިފިޝަލް ބީޗްގައި އުމަރު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ރޭގައި އުމަރު ގާތު ޔާމީން އަމިއްލަ ފުޅަށް އެމަނިކުފާނަކީ ރައީސް މައުމޫނުގެ ކޮއްކޯފުޅު ކަމަށް ވިދާޅުވި ކަމަށާއި އަދި އަނެއް ކޮޅުން ތި ހުރީ ދޮންޖޭމުގޭ އުމަރު ނަސީރޭ ވެސް ވިދާޅުވި ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫނުގެ ކޮއްކޯފުޅަކަށް ވުމަކުން އަދި މުޅިން ހަމަޖެހުނީ ނޫން ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނަށް އޮތް ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށް ގަބޫލް ކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"ދާދި ފަހުން ރޭގައި އަޅުގަނޑު ގާތު ޔާމިން ވިދާޅުވި ތިމަންނާ މިއީ ރައީސް މައުމޫންގެ ކޮއްކޯފުޅޭ. އަނެއްކޮޅުން ތި ހުރީ ދޮންޖޭމުގޭ އުމަރު ނަސީރޭ. އެއީ ތެދު ފުޅެއް. އަޅުގަނޑަކީ މަތީ ފެމިލީއަކުން އައިސް ހުރި މީހެއް ނޫން. އަޅުގަނޑަކީ ވަރަށް އާދައިގެ ނިކަމެތި ފެމިލީއަކުން އައިސް ހުރި މީހެއް. އަޅުގަނޑު ދަންނަވާން އޮތީ މަނިކުފާނު ތިއީ ރައީސް މައުމޫންގެ ކޮއްކޯފުޅަށް ވުމުން މަނިކުފާނަށް ވޯޓު ލިބި ދާނެޔޭ. އެކަމަކު ރައީސް މައުމޫންގެ ސަޕޯޓަރުން ބައްލަވާނެ ކަން ޔަގީން ރައީސް މައުމޫން އާއި ޔާމީނާ ދޭތެރޭ ހުރި ތަފާތު،" އުމަރު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އުމަރު ވަނީ ޔާމީނަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މިފަހަރު ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވައިފި ނަމަ ޕީޕީއެމްގެ 30،000 މެމްބަރުން ރިޔާސީ އިންތިޚާބުގައި ނުކުމެ ޔާމީން މިވެނި ކަމެއް ނުކުރެޔޭ އެވެނި ކަމެއް ނުކުރެޔޭ ބުނެ އެމަނިކުފާނުގެ ދިފާއު ޓީމަށް ކުޅެއް ތިބުން ނޫން ކަމެއް ނޯންނާނެ ކަމަށެވެ.

"ކުރީ ރޭ ނިހާންގެ ވާހަކަފުގައި ޔާމީނަށް އަތް ދިއްކުރައްވައިފައި ވިދާޅުވި މި އިންނެވި ޔާމީން 800 މިލިއަން ޑޮލަރު ނެގިއޭ މީހުން ކިޔައޭ. އެއީ ދޮގެކޭ، ޔާމީނަކީ ވަގެއް ނޫނޭ. ދެން ވިދާޅުވި މި އިންނެވި އަބްދުﷲ ޔާމީނަކީ ބޮޑާ ބޭފުޅެކޭ މީހުން ކިޔައޭ އެއީ ބޮޑާ ބޭފުޅެއް ނޫނޭ، އެ މަނިކުފާނުގެ ގިލިގިލި ކޮށްޓާލަ ބަލާށޭ. ނިހާން ވިދާޅުވި މި އިންނެވި އަބްދުﷲ ޔާމީން މިނެރަލް ވޯޓަރ އިން ފެންވެރިޔޭ މީހުން ބުނެޔޭ، އެއީ ދޮގެކޭ. މުޅި މި ދެންނެވި ރޭގެ ޖަލްސާގައި ޔާމީން ޓީމުގެ ހުރިހާ ބޭފުޅޫން ދެއްކެވި ހުރިހާ ވާހަކަ އެއްގެ 80 ޕަސެންޓް ބިނާވެފައި އޮތީ ޔާމީން އެވެނި ކަމެއް ނުކުރައްވައޭ، މިވެނި ކަމެއް ނުކުރައްވައޭ. މިވެނި ކަހަލަ ބޭފުޅެއް ނޫނޭ. މި ވާހަކަ ދެއްކުމުގައި،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޔާމީންގެ ބަދަލުގައި އުމަރު ހޮވައިފި ނަމަ އެންމެން ކުރިއަށް ނުކުމެ އިދިކޮޅު އެމްޑީޕީގެ ކޮޅަށް ފަހަރަކު ލަނޑެއް ޖަހަމުން ގެންދާނެ ކަމަށާއި، އަދި އޭގެ ބަދަލުގައި އުމަރުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަން އެއްވެސް މެމްބަރަކަށް ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ޔާމީނަށް ޓިކެޓް ދެއްވައިފި ނަމަ ރަށް ރަށުގެ ހޮޅުއަށިތަކުގައި އާއި ގޭގޭ ސިޓިން ރޫމްތަކުގައި ވެސް ޖެހޭނީ ޔާމީން ދިފާއު ކޮށްފައި ވާހަކަ ދައްކާން ކަމަށެވެ. ނަމަވެސް އުމަރު އަށް އެ ޓިކެޓް ދެއްވައިފި ނަމަ އޭގެ ބަދަލުގައި އެމްޑީޕީގެ ގޯސް ވާހަކަ ދައްކާނެ ފުރުސަތު ލިބޭނެ ކަމަށެވެ.

ރާއްޖޭގެ އަމަން އަމާންކަން ގާއިމް ކުރައްވާނެ ކަމުގެ ޔަގީން ދެއްވަމުން އުމަރު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ކުރެއްވުމަށް ފަހު ވަޑައިގެން ރާއްޖޭގެ އަމަން އަމާންކަން ގާއިމް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރައްވަން އުމަރު މަސައްކަތް ކުރައްވާތީ އޭނާ އަށް ހަމަލާދީ ގެންލުން ތަކެއް ދޭން ވެސް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި ރާސްތާ އަށް އަޅުގަނޑު ދާކަން އެނގޭތީވެ ރާއްޖޭގައި ތިބި ބޮޑެތި މަސްތުވާ އެއްޗެތި ވިއްކާ ގޭންގުތަކާއި، އެ ގޭންގުތަކާއި ގުޅިފައި ތިބި ސިޔާސީ މީހުންނާއި، ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ގޮތުގައި އެ ގޭންގުތަކާއި ގުޅިފައި ތިބި މީހުންނާއި، ރާއްޖޭގައި ކޮރަޕްޝަންގެ ބޮޑޭތި ސިންގާ ނެޓްވޯކްތައް އަޅައިގެން ރާއްޖޭގެ ހުރިހާ ބޮޑެތި ކުންފުނިތަކުގެ ތެރެއަށް އަތް ބާނައިގެން ތިބި ބޮޑެތި ކޮރަޕްޓް ގޭންގުތަކާއި، މި ހުރިހާ އެންމެން ގުޅި ލާ މެހިގެން ވަރަށް ވަރުގަދަ ހަމަލާއެއް އަޅުގަނޑަށް އަޅުގަނޑާއި ދިމާލަށް އެބަ ދޭ. ދާދި ފަހުން އަޅުގަނޑަށް ވަރަށް ބޮޑު ލަނޑެއް ދޭން މި މީހުން މަސައްކަތް ކޮށްފި. އަޅުގަނޑުގެ ވިޔަފާރި ކުރާ އޮފީހެއްގެ ތެރޭގައި މަސްތުވާ އެއްޗެތި ރައްކާ ކޮށްފައި އެތަނަށް ފުލުހުން ވައްދާން މި މީހުން މަސައްކަތް ކޮށްފި،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ރާއްޖޭގެ ކޮރަޕްޓް ނެޓް ވޯކްގައި ތިބި މީހުންނާއި، ރާއްޖޭގެ ގޭންގުތައް ކޮންޓްރޯލް ކުރާ އެންމެންނަށް ދެން އޮތީ ސާދަ ދުވަސް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެ ނެޓްވޯކްތައް ފުނޑުފުނޑު ކޮށްލާނެ ކަމަށެވެ.

އަދި ކުރުވާ ފަރާތްތަކުން އެކަން ހުއްޓާން ބޭނުން ނަމަ މިހާރު އެކަން ކުރާންވީ ކަމަށެވެ. އަދި އުމަރު އައުމަށް ފަހު ރާއްޖެ އިން އެ ނެޓްވޯކްތައް މުލުން އުފުރާލާނެ ކަމުގެ ޔަގީން ކަން ދެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު