ކަނޑި ގެންގުޅުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައި ހުރި މީހަކު ގޭބަންދަށް ދޫކޮށްލި ޚަބަރު ބައެއް މީޑިޔާ އިން ކިއުމާ ގުޅިގެން އެކި ފަރާތްތަކަށް ހަމަލާދީ، އިންޒާރުދެމުން ގެންދިއުމާ ގުޅިގެން ފުލުހުން ހައްޔަރުކުރި 10 މީހުން ފުލުހުންގެ ބަންދުގައި ބޭއްތިބުމުގެ މުއްދަތު ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ކަނޑި ގެންގުޅުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައި ހުރި އިބްރާހިމް ނާފިޒް ނުވަތަ ޗިކާ ގޭބަންދަށް ދޫކޮށްލި ޚަބަރު ބައެއް މީޑިޔާ އިން ކިއުމާ ގުޅިގެން އެ ފަރާތްތަކަށް ތޫނު އެއްޗެތިން ހަމަލާދީ، އިންޒާރުދެމުން ގެންދިއުމާ ގުޅިގެން ފުލުހުން އިއްޔެ ފެށި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ޗިކާ އާއި އިތުރު ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ ޖިނާއީ ކޯޓުން މުއްދަތު އިތުރުކޮށްދީފައި ވަނީ އެކި މީހުންނަށް އެކި ވަރަށް ކަމަށާއި އެގޮތުން ޗިކާ ފުލުހުންގެ ބެލުމުގެ ދަށުގައި ތަހްގީގަށް ބެހެއްޓުމަށް ހުއްދަ ދީފައިވަނީ ފަސް ދުވަހަށް ކަމަށާއި އޭގެ ފަހުން ޕެނިޓެންޝަރީއާ އޭނާ ހަވާލުކުރުމަށް އަންގައިފައިވާ ކަމަށެވެ. އަދި ދެން ތިބި ބައެއް މީހުން 10 ދުވަހަށާއި 15 ދުވަހަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.